ދަރުމަވަންތަ ސްކޫލްގެ ވަގުތީ
އިމާރާތުގެ މަސައްކަތް ނިމި މި މަހުގެ 15 ވަނަދުވަހު މިނިސްޓްރީއާ ހަވާލު ކުރާނޭކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމައިލް ވިދާޅުވީ، ދިރާސީ އާއަހަރު ފެށޭއިރު އަލަށް ހަދަމުންދާ ސްކޫލުގައި ކިޔެވުން ފެށޭނެކަމަށެވެ. އަދި އެހެން ސްކޫލްތަކެކޭ އެއްގޮތަށް މި ސްކޫލުގައި ވެސް ހުރިހާ ވަސީލަތްތަކެއް ޤާއިމްކޮށްފައި ހުންނާނެކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.މި ސްކޫލަށް ބޭނުންވާ ދަގަނޑު ފިލައާއި ޝީޓްތައް ގެނެސްފައިވަނީ ޗައިނާ ކުންފުންޏެއް މެދުވެރިކޮށެވެ. މި ސްކޫލަކީ ބޭނުންވެއްޖެ ހިދެއްގައި ރޫޅާލައިގެން ގެންދެވޭނެ ޢިމާރާތެއްކަން ވެސް އިބްރާހިމް އިސްމާއިލް ފާހަގަކުރެއްވިއެވެ. ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތެއް ހެދުމުގެ މަސައްކަތް ފެށީ މިހާރު ބޭނުންކުރަމުންދާ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމާގުޅިގެނެވެ. މި ޢިމާރާތުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅުންފެށިގެން ކުރިޔަށްދާއިރު، މިހާރު މި ވަނީ ނިމުމަކާއި ހަމައަށް އައިސްފައެވެ.މި ސްކޫލް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.ދަރުމަވަންތަ ސްކޫލުގެ ވަގުތީ ޢިމާރާތް އެޅުމަށް ގާތްގަނޑަކަށް 28 މިލިޔަން ރުފިޔާ ޚަރަދުވެފައިވާކަމަށް އެޑިޔުކޭޝަންމިނސްޓްރީން މައުލޫމާތުދެއްވައެވެ.އިބްރާހިމް އިސްމައިލް ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ބަޖެޓް ލިބިއްޖެނަމަ މިހާރު ހުރި ދަރުމަވަންތަ ސްކޫލް ހުރި ޢިމާރާތް ތަޅާލުމަށް ފަހު އަލުން އާ ސްކޫލެއް އިމާރާތް ކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅުއްވާކަމަށެވެ.