ޚަބަރު

ސުގާގެ ވެރިކަންވެސް ނިމުމަކަށް؟


ޖަޕާނުގެ ވެރިކަންކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ، އެލްޑީޕީގެ ރައީސްގެ މަޤާމަށް ވާދަނުކުރައްވާނެކަން އެ ޤައުމުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސުގާ އިޢުލާންކުރައްވައިފިއެވެ.

އެލްޑީޕީގެ ރައީސް މަޤާމަށް ބޭފުޅެއް ޢައްޔަންކުރުމަށް އިންތިޚާބެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕުޓެންބަރު މަހުގެ 29ވަނަ ދުވަހުއެވެ. އެ މަޤާމަށް އިންތިޚާބުވާ ބޭފުޅަކީ އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ބާއްވައި ޢާއްމު އިންތިޚާބު އެލްޑީޕީން ކާމިޔާބުކޮށްފިނަމަ ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ބޭފުޅާއެވެ.

1955ވަނަ އަހަރުގެ ތެރޭގައި އުފެއްދި އެލްޑީޕީއަކީ ދިގު ޒަމާންތަކެއް ވަންދެން ޖަޕާނުގައި ވެރިކަންކުރަމުންދާ ޕާޓީއެކެވެ. ދެ ފަހަރެއްގެމަތިން އެ ޕާޓީއަށް ވެރިކަން ގެއްލިފައިވަނީ ވަރަށް ކުރު މުއްދަތަކަށެވެ. އެހެންކަމުން އެލްޑީޕީގެ ރައީސްގެ މަޤާމަށް ޢައްޔަންކުރާ ބޭފުޅަކީ ޖަޕާނުގެ ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ ބޭފުޅާއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ސުގާގެ ތާޢީދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކޯވިޑް-19އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއި ޖަޕާނުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ސުގާއަށް އޮންނަ ތާޢީދުވަނީ 30 އިންސައްތަ ދަށަށް ގޮސްފައެވެ. އެފަދަ ދަނޑިވަޅެއްގައި ވެރިކަންކުރާ ޕާޓީގެ ތެރޭގައި ސުގާއަށް ކުރިމަތިވަމުންދާ ވާދަވެރިކަންވެސްވަނީ އިތުރުވެފައެވެ. އެލްޑީޕީގެ ރައީސްގެ މަޤާމަށް ވާދަނުކުރައްވަން ސުގާ ނިންމެވި މައިގަނޑު ސަބަބަކީވެސް އެއީއެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމާ ޢުމުރުފުޅުން 71 އަހަރުގެ ސުގާ ޙަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ސެޕުޓެންބަރު މަހުގެ ތެރޭގައެވެ.