ކުޅިވަރު

ޔޫރޯއަށްފަހު އިޓަލީ ކުޅުނު ފުރަތަމަ މެޗް އެއްވަރު


ޔޫރޯ 2020 ކާމިޔާބުކުރިފަހުން އިޓަލީވިލާތް ކުޅުނު ފުރަތަމަ މެޗް އެއްވަރު ވެއްޖެއެވެ. ވާރލްޑް ކަޕް ކޮލިފައިންގގެ ޔޫރަޕްގެ ސަރަހައްދުގެ ގްރޫޕް ސީގައި އިޓަލީވިލާތާއި ބަލްގޭރިއާ ބައްދަލުކުރިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީއެވެ. މިގޮތުން މިމެޗްގައި އިޓަލީއިން ވަނީ 27 ހަމަލާއެއް އުފައްދާފައެވެ. މިމެޗްގައި އިޓަލީވިލާތުގެ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހައިދިނީ ފެޑޭރީކޯ ކިއޭޒާއެވެ. ނަމަވެސް އިޓަލީވިލާތުން މޮޅު ކުޅުމެއް ދައްކަމުންދަނިކޮށް މެޗްގެ 39 ވަނަ މިނެޓްގައި ބަލްގޭރިއާގެ އަޓަނަސް އިލީއޭވް ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އިޓާލީވިލާތަށް މިމެޗްގައި ބަލްގޭރިއާގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. ނަމަވެސް މިމެޗް އެއްވަރު ވުމާއެކު އިޓަލީވިލާތުން މިހާރުވަނީ ބަލިނުވެ 35 މެޗް ހަމަކޮށްފައެވެ. އެހެން ކަމުން އިޓަލީވިލާތަށް މިވަނީ ސްޕެއިން އިން ހަދާފައިވާ ޔޫރަޕްގެ ރިކޯޑާއި އަރާ ހަމަކުރެވިފައެވެ.

ގްރޫޕް ސީގައި އޓަލީވިލާތް މިހާރު ހަތަރު މެޗް ކުޅެގެން ލިބިފައިވާ 10 ޕޮއިންޓާއެކު މިހާރު އުޅެނީ ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އުޅޭ ސްވިޓްޒަލަންޑަށް ލިބިފައިވަނީ 2 މެޗުން ހަ ޕޮއިންޓެވެ.