ވިޔަފާރި

ތެލާއި ކާޑުގެ ބާވަތްތައް ގަންނަން 75 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް


އެސްޓީއޯއިން 75 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ސީއީއޯ ހާނީ ސާލެމްއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންޓަށް ވަޑައިގަތީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެސްޓީއޯއިން މި ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ. މިއީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އަމްރު ވަނީ، ކޯވިޑްގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި ރާއްޖެއަށް މިވެދިން އެހީތެރިކަމަށް އައިޓީއެފްސީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް އައިޓީއެފްސީއާއިއެކު ގާތް ގުޅުމެއް ބޭއްވުމަށް އުންމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ބުނީ މި ފައިސާއަކީ ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ކުރިއަރުވަން ކުރާ މަސައްކަތަށް ދިން އެހީތެރިކަމެއްކަމަށެވެ.