ޚަބަރު

އޭސީސީގައި ސިޔާސީ މަންފާއަށާއި އަމިއްލަ މަސްލަހަތުގައި މަސައްކަތްކުރުމުގެ ޖާގައެއް ނޯންނާނެ: ޝިއުނާ


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަސައްކަތްތައް ކުރާއިރުއާއި، މައްސަލަތައް ނިންމާއިރު، ސިޔާސީ މަންފާއަށާއި، އަމިއްލަ މަސްލަހަތުގައި މަސައްކަތް ކުރުމުގެ ޖާގައެއް ނޯންނާނެކަމަށް އެކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

އޭސީސީގެ އާ ވެބްސައިޓް އިފްތިތާހު ކުރުމަށާއި، މުވައްޒިފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ރޭބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސާ ޝިއުނާ ވިދާޅުވީ އޭސީސީގެ މަސައްކަތަކީ ދައުލަތުގެ ގިނަ މުވައްސަސާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރި މުއައްސަސާއެއްކަމަށެވެ.

ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ އޭސީސީއަށް މަތިކޮށްފައިވާއިރު، އޭސީސީއަކީ ވަރަށް ގިނަ ބައެއްގެ އުންމީދުތަކައި ގުޅިފައިވާ ކޮމިޝަނެއްކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތްތަކާމެދު އާންމު ރައްޔިތުންގެ އުންމީދުތައް ވަރަށް މަތީގައި ހުންނައިރު، ގިނަ ފާޑުކިޔުންތަކާއި، ނުރުހުންވެސް ކޮމިޝަނަށް ލިބޭކަމަށް ޝިއުނާ ވިދާޅުވިއެވެ.

ގިނަފަހަރަށް ފާޑުކިޔުން އަމާޒުވާއިރު، ސިޔާސީ މަސްލަހަތުގައާއި، މައްސަލަ ރައްދުވާ ފަރާތުގެ އަމިއްލަ މަސްލަހަތުގައާއި، އަދި ކޮމިޝަނުން ރަނގަޅު ކުރަންޖެހޭ ފަދަ ފާޑުކިޔުންވެސް ލިބެމުންދާކަމަށް ޝިއުނާ ވިދާޅުވިއެވެ. ޝިއުނާ ވިދާޅުވީ މިހާރު އޮތް ކޮމިޝަނަކީ މަސައްކަތުގެ މާހައުލުގައިވެސް އަދި މައްސަލަތައް ބެލުމުގައިވެސް ސިޔާސީ މަސްލަހަތު އިސްކޮށް އަމިއްލަ މަސްލަހަތުގައި މައްސަލަތައް ނިންމޭނެ ތަނެއް ނޫންކަމަށާއި އެޖާގަ ކޮމިޝަންގައި ނޯންނާނެކަމަށެވެ/

"މިހާރު އޭސީސީގައި ސިޔާސީ އަދި އަމިއްލަ މަސްލަހަތުގައި ކަންކަން ކުރުމަށް ޖާގައެއް ނޯންނާނެ. އެފުރުސަތު ނުވެސްދެވޭނެ." ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ހަލުވި ކުރުމަށް ކުރަމުންދާ މަސައްކަތުން ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ކޮމިޝަނުން ނިންމި މައްސަލަތަކާއިމެދު ހިތްހަމަ ޖެހޭކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންނާއި، ކޮމިޝަނުންވެސް އެންމެ ބޭނުންވާ ވަރަށް މައްސަލަތައް ނިމިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ 2020 އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ކޮމިޝަނުން 1،400 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާކަމަށެވެ. އަދި ދައުވާ ކުރުމަށްޓަކައި، 30 މައްސަލަ މިއަހަރުތަކުގެ ތެރޭގައި ފޮނުވިފައިވާކަމަށެވެ.

ޝިއުނާ ވިދާޅުވީ ކޮމިޝަންގެ އަމާޒަކީ މަސައްކަތްތައް ހަލުވިކޮށް ރައްޔިތުންގެ އުންމީދުތަކާއި އެއްވަރަށް މަސައްކަތް ކުރުންކަމަށާއި، އެކަން ކުރުމަށް އަލަށް އިފްތިތާހު ކުރެވުނު ވެބްސައިޓުގެ ޒަރީއާއިންވެސް ގިނަ ފަސޭހަތަކެއް ވެގެންދާނޭކަމަށް ޝިއުނާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އޭސީސީގެ އާ ވެބްސައިޓް އިފްތިތާހު ކުރުމުގެ އިތުރުން، ކޮމިޝަނަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާ ބޭފުޅުންނާއި، ރިޓަޔަރ ކުރައްވާ ބޭފުޅުންގެ އަގުވަޒަންކޮށް، ޚާއްސަ ހަދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ.