ޚަބަރު

ކެންސަރު ހޮސްޕިޓަލަކީ މާލެއަށް ޖަމާވުން ނިމުމަކަށް ގެނެވޭނެކަމުގެ ހެއްކެއް - ވިސާމް


ލ.ގަމުގައި ކެންސަރު ހޮސްޕިޓަލެއް ޤާއިމްކުރުމަކީ މާލެ ސަަރަޙައްދަށް ހުރިހާ ޚިދުމަތެއް ޖަމާކުރުން ސަރުކާރުން، ނިމުމަކަށް ގެންނާނެކަމުގެ ހެއްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ލ.ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ވިސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޓާޝަރީ 5 ހޮސްޕިޓަލް މަޝްރުޢުގެ ވައުދު ފުއްދުމަށް، ސަރައްދީ ތަރައްގީއަށް ޖާގަދޭންޖެހޭކަމަށެވެ. އަދި ލ.އަތޮޅުގެ ތަރައްގީ ގުޅިފައިވަނީ ކެންސަރު ހޮސްޕިޓަލާކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިސާމް ވަނީ ގަމުގައި ކެންސަރު ހޮސްޕިޓަލެއް ޤާއިމުކުރަން ސަރުކާރުން ނިންމަވައި މިއަހަރުގެ ބަޖެޓުގައި އެކަން ހިމެނުމަކީ ސަރަޙައްދީ ތަރައްޤީއަށް މިސަރުކަރުން އިސްކަންދޭ މިންވަރު ހާމަވާކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މިހާތަށް ގަމުގެ ތަރައްޤީއަށްޓަކައި އެހެން ސަރުކާރަކުން ކުރައްވާފައި ނެތް ހޭދައެއްކަން ވިސާމް ފަހަގަކުރެއްވިއެވެ.

ގަމުގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމަވާފައިވާ ކެންސަރު ބަލީގެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށް ޚާއްޞަ ޓީމެއް އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ގަމުގައި ކެންސަރު ބަލީގެ ހޮސްޕިޓަލެއް އެޅުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ވަނީ 98 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައެވެ.

އިންޑިއާގެ އެހީގައި ތަރައްޤީކުރާ ކެންސަރު ހޮސްޕިޓަލް ހދަން ސަރުކާރުން ފުރަތަމަ ނިންމީ ހުޅުމާލޭގައެވެ. ނަމަވެސް ސަރުކާރުގެ އެނިންމުން ބަދަލުކޮށް އެ ހޮސްޕިޓަލް ލ.ގަމަށް ބަދަލުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގައި އެދިފައެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން %17 މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

ލ.ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އިތުރުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ.