ޚަބަރު

ޖޫނިއަރ ކޮލެޖުތަކާއި މަތީ ތަޢުލީމްގެ މަރުކަޒުތައް ހަދާނެ ބަޔަކު ހޯދަނީ


ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމޫކުރާ ޖޫނިއަރ ކޮލެޖުތަކާއި މަތީ ތަޢުލީމްގެ މަރުކަޒުތައް ހެދުމަށް ޝަޢުގުވެރިވާ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެންމެ ފުރަތަމަ، ޖޫނިއަރ ކޮލެޖު ތަރައްޤީކުރުމަށް ނިންމާފައިވަނީ ނ.ކެނދިކުޅުދުއާއި ހއ.ދިއްދޫގައެވެ. މިތަންތައް ތަރައްޤީކުރާނެ ބަޔަކު ހޯދަން އިޢުލާންކޮށްފައިވާއިރު މިނިސްޓްރީން ދާދިފަހުން ވަނީ މިތަންތަން ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފައެވެ.

ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނ.ކެނދިކުޅުދުއާއި ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖްތައް ހެދުމުގެ އިތުރަށް ކ.ތުލުސްދޫގައި ޕޮލިޓެކްނިކްގެ މަރުކަޒަކާއި ހދ.ކުޅުދުއްފުއްޓާއި ރ.އަލިފުއްޓާއި ޏ.ފުވައްމުލަކުގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން (ޓިވެޓް) ސެންޓަރުތައް ހަދައިދޭން ޝައުގުވެރިކަން ހުރި މީހުންނަށް އެ ފުރުޞަތުވެސް ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނުގައި ވަނީ މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުންކަމަށެވެ.

މި ރަށްރަށުގައި ތަޢުލީމީ މަރުކަޒުތައް ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެކަން، މިމަހުގެ 30ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އެންގުމަށްވަނީ އެދިފައެވެ. މިޕްރޮޖެކްޓްތަކާ ގުޅޭ މަޢުލޫމާތުތައް (ޓަރމްސް އޮފް ރިފަރެންސް)، މިމަހުގެ 5ވަނަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ޝަޢުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން، މަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އޮންނާނީ ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށެވެ.

ޖޫނިއަރ ކޮލެޖުގެ މަސައްކަތަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މުޅިން އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ތަޢުލީމު ދިނުމުގެ މޮޑެލްއެކެވެ. މި މޮޑެލްގެ ކޮލެޖުތައް ޚާއްސަކުރާނީ އޯލެވެލް ނިންމާފައި ނުކުންނަ އުމުރުން 16އަހަރާއި 21އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައުންޑޭޝަން ލެވަލްތަކުގެ ކޯސްތައް ކުރިއަށްގެންދިއުމަށެވެ. ކޮލެޖުގައި ހިންގާނީ 2އަހަރު ދުވަހުގެ މުއްދަތުން ކިޔެވުން ފުރިހަމަކުރެވޭ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިމަރުކަޒުތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމާއި، އެކި ދާއިރާތަކުގެ މާހިރުންގެ އެހީތެރިކަން ލިބިގެން ފަންނުތައް ކުރިއެރުވުންވެސް މިމަރުކަޒްތައް ޤާޢިމް ކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ފަންނީ އަދި ހުނަރުވެރިކަމުގެ ދާއިރާތަކުން ޚާއްސަ މަރުކަޒުތައް ގާއިމުކުރުމަށް އެހީވެދިނުމާއި ރާއްޖޭގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތައް އިތުރަށް ފުޅާކުރުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގެ ޚާއްސަ ސިފަތަކަށް ރިއާޔަތްކޮށްގެން، މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމް ބައްޓަންކޮށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކުރުންވެސް ހިމެނެއެވެ. އަދި ފެންވަރު ރަނގަޅު ސްޓޫޑަންޓް އެކަމަޑޭޝަންގެ ޚިދުމަތްތައް އެކި އަތޮޅުތަކުގައި ގާއިމުކުރުމާއެކު ސަރަޙައްދުގެ އެހެން ރަށަރަށުން މިމަރުކަޒުތަކަށް ދަރިވަރުން އައިސް ފަސޭހަކަމާއިއެކު ކިޔެވުމުގެ ފުރުސަތު ހޯދުންވެސް މަރުކަޒްތައް ޤާއިމްކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.