ކުޅިވަރު

އޭއާރްބީއޭއިން މޮޅެތި ކުޅުންތެރިން އުފެއްދުމުގައި


އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އޭއާރްބީއޭ)އިން ނިކުންނަ ކުއްޖަކު ގައުމީ ޗެންޕިއަންކަން ނަގާތަން ބަލަން ބޭނުންވާކަމަށް ރާއްޖޭގެ ކުރީގެ އެއްނަންބަރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އަފްނާން ރަޝީދު ބުނެފިއެވެ. އަފްނާން މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދަނީ ބެޑްމިންޓަންގެ ތެރެއިން ކުޑަކުދިން ތަމްރީން ކުރުމުގައިއެވެ. އެގޮތުން އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީން ވަނީ ފުރަތަމަ ފަހަރަށް ކުޑަކުދިންނަށް އަމާޒްކޮށްގެން ވާދަވެރި ބެޑްމިންޓަން މުބާރާތެއް ބާއްވާފައެވެ. މިމުބާރާތުގައި ވާދަކުރުމަށް ކުދިން ހޮވާފައިވަނީ 30 ކުޅުންތެރިންގެ ތެރެއިން ސިލެކްޝަނެއްގެ ތެރެއިން ހޮވިގެންއައި 12 ކުޅުންތެރިންގެ ތެރެއިންނެވެ.

ހުޅުމާލޭ ބެޑްމިންޓަން ކޯޓުގައި ކުރިއަށް ދިޔަ މުބާރާތަށްފަހު ވާހަކަދައްކަމުން އަފްނާން ބުނީ މިއީ ކުޅުންތެރިން މޯޓިވޭޓް ކޮށް ވާދަވެރި މެޗްތަކަށް ކުޅުންތެރިން ހޭނުމުގެ ބޭނުމުގައި ކުރިއަށްދިޔަ މުބާރާތެއްކަމަށެވެ. އަފްނާން ބުނީ ކޯވިޑް-19 އާއި ގުޅިގެން އެއްވެސް މުބާރާތެއް ކުރިއަށް ނުގެންދެވި ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ގެންދާތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށާއި އަބަދު ފަރިތަކުރުންތައް ކުރިއަށްގެންދާކަމުގައިވާނަމަ، ކުޅުންތެރިން ފޫހިވާނެކަމަށެވެ. ނަމަވެސް ކުރިއަށް މުބާރާތެއް އޮތުމާއެކު ކުޅުންތެރިންގެ އިތުރުން ބެލެނިވެރިން ވެސް ވަރަށް ގަޔާވާނެކަމަށް އަފްނާން ބުންޏެވެ. އަދި މުބާރާތް އޮންނަކަން އިޢުލާނުކުރުމާއެކު ކުޅުންތެރިން ވަރަށް ބޮޑަށް މޯޓިވޭޓްވެ، ޝައުގުވެރިކަން އުފެދުނު ކަމަށްވެސް އަފްނާން ބުޏްޏެވެ.

މިމުބާރާތާއެކު ވެސް ވަރަށް ގިނަ ކުޅުންތެރިން މޯޓިވޭޓް ވެއްޖެކަމަށާއި ހާއްސަކޮށް މުބާރާތް ވަރަށް ފޯރިއާއެކު ކުރިއަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް ހުރި މުބާރާތްތަކަށް ވެސް ކުޅުންތެރިން މިހާރު ފެށިގެން ތައްޔާރުވާން ބޭނުންވާކަމަށް އަފްނާން ބުންޏެވެ. އަދި ދެން އެންމެ އަވަހަށް މުބާރާތެއް އޮންނާނެ ތާރީޚެއް ވެސް ކުޅުންތެރިން ބަލަން ބޭނުންވާކަމަށާއި މިއަހަރު ނިމުމުގެ ކުރިން އިތުރު މުބާރާތެއް ބާއްވަން ބޭނުންވާކަމަށް އަފްނާން ބުންޏެވެ.

"ޕްރެކްޓިސް އަށް އައިސް ލިބޭ އެއް ގަޑިއިރުގެ ޕްރެކްޓިހަށް ވުރެ މިހާރު އެ ކުދިންނަށް އެނގޭނެ މުބާރާތް ދާ ގޮތް. ދެން މެޗުތަކުގައި ހުންނަ ސީރިއަސްކަން ވެސް ދަސްވެފައި އިންނާނެ. އެއީ އަސްލު ބޭނުންވާ ކަމަކީ. މުބާރާތުގެ ބިރު ދޫކޮށްލަން ޖެހޭ. އެންމެ ބޮޑު ބޭނުމަކީ މި ކުޅުންތެރިން (އެކެޑަމީ ކުޅުންތެރިން) ނެޝަނަލްސްއާ ހިސާބަށް ގެންދިއުން. އަފްނާން އެކެޑަމީން ނެޝަނަލް ޗެމްޕިއަން ނަގާތަން ދެކެން އެންމެ ބޭނުމީ. ޕްލޭން ކުރާނަން ބޭރުގެ މުބާރާތްތަކަށް ވެސް ކުދިން ގެންދަން،" އަފްނާން ބުންޏެވެ.

އަފްނާން ބުނީ މިކަމުގައި ބެލެނިވެރިންގެ އެހީތެރިކަމާ އެއްބާރުލުން ވަރށް ބޮޑަށް ލިބޭކަމަށާއި އެހެންކަމުން ބެލެނިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށެވެ.