ދުނިޔޭގެ ވިޔަފާރި

ބޭރުގެ ޓެކް ކުންފުނިތަކުން ޓެކްސް ނަގަން ތައިލެންޑުން ފަށައިފި


ތައިލޭންޑުގައި ހުންނަ ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކުން ވެލިއު އެޑެޑް ޓެކްސް(ވެޓް) ނަގަން އެޤައުމުން އިއްޔެ ފަށައިފިއެވެ. މިއާއިއެކު ޓެކްސްއިން ލިބޭ ޢާމްދަނީގެގޮތުގައި ކޮންމެ އަހަރަކު އިތުރު 154.70 މިލިއަން ޑޮލަރު ލިބޭނެކަމަށް ތައިލޭންޑްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ތައިލޭންޑްގައި އިލެކްޓްރޯނިކް ޚިދުމަތްދޭ ކުންފުނިތަކުން ވެޓް ދެއްކުމަށް ރަޖިސްޓްރީ ވާންޖެހޭނެ ކަމުގައިވެސް އެޤައުމުގެ މާލީ ވުޒާރާގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް 60 ކުންފުންޏަކުން ރަޖިސްޓްރީ ކޮށްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން މިފަދަ ކުންފުނިތައް ދަރަޖަ ކޮށްފައިވަނީ 5 ބަޔަކަށެވެ. މިގޮތުން އީ ކޮމާރސް، އަދި ފޭސްބުކް އަދި ގޫގުލްފަދަ ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށްގެން ޢާމްދަނީ ލިބޭ ކުންފުނިތަކާއި ސްޓްރީމިންގ ޕްލެޓްފޯމްތައް ކަމަށްވާ ނެޓްފްލިކްސްފަދަ ތަންތަނުން ޢާމްދަނީ ލިބޭ ކުންފުނިތައްވެސް ހިމެނެއެވެ.