ދުނިޔެ

ވައި ތަޤައްޔަރުވުމާއެކު ބެއިޖިންގްގައި ރެޑް އެލަރޓް ނެރެފި


ޗައިނާއަކީ ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ އެއްގައުމަށް ވާއިރު، އެގައުމަކީ ޖައްވަށް ވިހަ ގޭސް އެންމެ ގިނައިން ދޫކުރާ އެއް ގައުމުވެސް މެއެވެ.

 

ބޯޓު ދެލި އެންދުމުގެ އިތުރުން ޗައިނާގައި ދުއްވާ އެއްގަމު އުޅަނދުގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން އެގައުމުން ޖަވަށް ދޫކުރާ ވިހަ ގޭހުގެ އަދަދު ފާއިތުވީ އަހަރުތަކުގައި ވަނީ އިތުރުވެފައެވެ. ވެރިރަށް ބެއިޖިންއަކީ މިފަދަ ކާރުޚާނާތަކާއި އުޅަނދުތައް އެންމެ ގިނަ އެއް ރަށަށް ވާއިރު، ފާއިތުވި ދުވަސްތަކުގައި ޗައިނާގެ ވައި ތަޣައްޔަރުވެ އިންސާނުންނަށް ގެއްލުންވާ މިންވަރަށް ގޮސްފައިވާ ކަމަށް ޗައިނާގެ އޮފިޝަލުން ބުނެފައިވެއެވެ.

 

މި ގޮތުން، ބެއިޖިންގްގެ ވައިގެ ސާފުކަން މިވަގުތު ހުރީ 291 މައިކްރޯ ގްރާމްސް ޕަރ ކިއުބިކްގައި ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިން ބުނެފައިވަނީ ސިއްހަތަށް ގެއްލުން ނުވާނީ މިއަދަދު 25 މައިކްރޯ ގްރާމްސް ޕަރ ކިއުބިކްގައި ހުރެގެން ކަމަށެވެ. މިކަމުގެ ސަބަބުން ބެއިޖިންގައި މިހާރު ވަނީ ރެޑް އެލަރޓް ނެރެފައެވެ. އަދި މިއާއެކު އެރަށުގައި އާއްމުން އެއްވެ އުޅޭ ތަންތަން ބަންދުކޮށް ސްކޫލުތަކުގެ ކިއެވުން ބަންދުކޮށްފައިވާ ކަމަށް ޗައިނާ ސަރުކާރުން ވަނީ އިޢުލާނުކުރައްވާފައެވެ.

 

ވައި ތަޣައްޔަރުވެ ޗައިނާގެ ވެރިރަށުގައި ރެޑް އެލަރޓް ނެރެފައި މިވަނީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އދން ބާއްވާ ކޮޕް 21 ސަމިޓް، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން، މި ސަމިޓްގައި އެއްބަސްވުމެއް ޤާއިމުކުރުން ޗައިނާއަށް ދެގުނައަށް މުހިއްމުވެފައިވާ ކަމަށް މުރާސިލުން ބުނެއެވެ. ޗައިނާއިން ވަނީ އެގައުމުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. މި ގޮތުން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ހިންގާ އެކި އެކި މަޝްރޫޢުތައް އިތުރުކޮށް މިފަދަ މަޝްރޫޢުތަކަށް ކުރާ އިންވެސްޓްމަންޓްތައްވެސް ޗައިނާއިން ވަނީ އިތުރުކޮށްފައެވެ.

 

ޕެރިހުގައި ޤާއިމުކުރާ އެއްބަސްވުމުން ޗައިނާގެ ވައި ތަޣައްޔަރުވުމުގެ މައްސަލައަށް އަވަސް ހަލެއް ނުލިބުނު ނަމަވެސް އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ އަގު ދަށަށް ގޮސް، ދުނިޔެ ހޫނުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ މާހިރުން ބުނެއެވެ.