ވިޔަފާރި

ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ އިތުރު 9281 އެނދު އޮޕަރޭޝަނަށް


މިއަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ ޢަދަދު %9 އިތުރުވެއްޖެއެވެ.

އެމްއެމްއޭއިން ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިންގ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ އިތުރު 9281 އެނދުވަނީ އޮޕަރޭޝަނަށް ގެނސްފައެވެ. ދެވަނަ ކުއާޓަރގައި އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %953 އިތުރު އަދަދެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ގިނަ ޢަދަދަކަށް އެނދު ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ އެނދުގެ %76އަކީ ރިސޯޓުތަކުގެ އެނދުތަކެވެ. %15ގެ ހިއްސާއަކާއެކު ދެވަނައަށް އެންމެގިނަ ޢަދަދަކަށް އެނދު ހިއްސާ ކުރަނީ ގެސްޓުހައުސްތަކުންނެވެ. ދެވަނަ ކުއާޓަރ ނިމުނު އިރު ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ %46 ގައެވެ.

ތަފާސްހިސާބުތަށް ދަށްކާގޮތުން ރާއްޖޭގައި ފަތުރުވެރިކަމުގެ 54700 އެނދުވަނީ ރަޖިސްޓްރީކޮށްފައެވެ. އޭގެތެރެއިން 50310 އެނދު މިހާރުވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އޮޕަރޭޝަނަށް ގެންނަ އެނދުގެ ޢަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސްދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އޮގަސްޓްމަހު ރާއްޖެއަށްވަނީ 2019ވަނަ އަހަރުގެ އޮގަސްޓަމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދަށްވުރެ އިތުރަށް ފަތުރުވެރިން އައިސްފައެވެ.

އެގޮތުން ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ އޮގަސްޓަމަހު ރާއްޖެއަށް 133595 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ 2019ގެ އޮގަސްޓްމަހުގެ އަދަދު ހުރަސްކޮށްފައެވެ. މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއަށްވަނީ 136000 އަށްވުރެ ގިނަ ފަތުރުވެރިންވަނީ އައިސްފައެވެ.