ވިޔަފާރި

ސްވިޒަލޭންޑް މާކެޓަށް ރާއްޖެއާބެހޭ މަޢުލޫމާތު ދިނުމަށް ޙާއްސަ ކެމްޕެއިނެއް


ސްވިޒަލޭންޑުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކޮށް ރާއްޖެއާބެހޭ މައުލޫމާތު އެޤައުމުގެ ފަތުރުވެރިންނަށް ދިނުމަށް ވިޒިޓް މޯލްޑިވްސްއިން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން މިކެމްޕެއިން ފަށާފައިވަނީ ސްވިޒަލޭންޑްގެ "މަންތާ ރެއިސިން" އާއިއެކުގައެވެ.

ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ އެހެން ކެމްޕެއިންތަކާ އެއްގޮތައް މިކެމްޕެއިންގެ މަޤްސަދަކީވެސް ސްވިސް މާކެޓްގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން ޢަދަދު އިތުރުކުރުމެވެ. އަދި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ބުނެދިނުމެވެ.

ވިޒިޓް މޯލްޑިވްސްއިން ސްވިސް މާކެޓަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިންގެ ތެރެއިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނަށްވެސް އަމާޒުކޮށްގެން ޙަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. ކެމްޕެއިންގެ ތެރެއިން "މަންތާ ރެއިސިން" ވެބްސައިޓްގައި ރާއްޖެ އިސްތިހާރުކޮށް ރާއްޖެއާބެހޭ މަޢުލޫމާތު ޝާއިއުކުރާނެއެވެ.

މީގެއިތުރުން ޖަރުމަނާއި ފްރާންސްގެ މާކެޓްގައި ރާއްޖެ އިސްތިހާރުކުރުމަށް "މަންތާ ރެއިސިން"އިން ވަނީ އެޤައުމުގެ ޓްރެވެލް އެޖެންޓުންނާއެކު ވެބިނަރތަކެއްވެސް އިންތިޒާމްކޮށްފައެވެ. މީގެ ބޭނުމަކީ ރާއްޖެއާއިބެހޭ މައުލޫމާތުތައް ޓްރެވެލް އެޖެންޓުންނަށް ފޯރުކޮށްދިނުމެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ކެންޕެއިންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހައި ޕްރޮޕަޓީއެއް އިޝްތިހާރުކުރާނެކަމަށެވެ. އޭގެތެރޭގައި ރިސޯޓް، ގެސްޓްހައުސް، ސަފާރީ އަދި ހޮޓެލްތައް ހިމެނެއެވެ.

"މަންތާ ރެއިސިން" އަކީ ސްވިޒަލޭންޑްގެ 40އަށްވުރެ ގިނަދުވަސް ވެފައިވާ ޓްރެވެލް އެޖެންސީއެކެވެ. މިއަހަރިގެ ޖުލައި މަހުގެ ނިޔަލަށް ސްވިޒަލޭންޑުން ރާއްޖެއަށް 11،375 ފަތުރުވެރިން ވަނީ އައިސްފައެވެ. ސްވިޒަލޭންޑްގެ އެޑްލްވެއިސް އެއަރލައިނުން މިހާރު އަންނަނީ ރާއްޖެއަށް ސީދާ ދަތުރުތައްވެސް ބާއްވަމުންނެވެ.