ކުޅިވަރު

ޕާކިސްތާނަށް ސާފް ޗެންޕިއަންޝިޕްގައި ވާދަކުރުމުގެ ހަނި ފުރުސަތެއް


ފިފާއިން ޕާކިސްތާނަށް އަޅާފައިވާ ސަސްޕެންޝަން އުވާލައިފިނަމަ، ޕާކިސްތާނަށް ސާފް ޗެންޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވެއްޖެއެވެ. ފިފާގެ ދަށުން ހިނގާ އެއްވެސް އެސޯސިއޭޝަނެއް އަދި ފެޑެރޭޝަނަކަށް ވެސް ތިންވަނަ ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ފިފާއަކުން ނުދެއެވެ. ތިންވަނަ ފަރާތެއްގެ ނުފޫޒް ފޯރާނަމަ، އަބަދުވެސް ފިފާއިން އެސޯސިއޭޝަން ނުވަތަ ފެޑެރޭޝަނަކާއި ދެކޮޅަށް ފިޔަވަޅުއަޅައެވެ. އެގޮތުން ފިފާއިން ޕާކިސްތާނު ސަސްފެންޑް ކޮށްފައިވަނީ އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ސަރުކާރުން ނުޒޫން ފޯރުވުމާއި ގުޅިގެންނެވެ.

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) އަދި ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެެރޭޝަން (ބީއެފްއެފް)ގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވީ ފީފާއިން ޕާކިސްތާނުގެ ސަސްޕެންޝަން އުވާލާއިފިނަމަ، އެގައުމަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށާއި އެކަމާއި ގުޅިގެން އޭނާގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށެވެ. ފިފާއިން ވަނީ ޕާކިސްތާން 4 އަހަރުގެ ތެރޭގައި 2 ފަހަރަށް ސަސްފެންޑްކޮށްފައެވެ. މިވަގުތު ޕާކިސްތާން ފީފާގެ ސަސްފެންޝަންގައި އޮތްއިރު، އެގައުމުން އެންމެ ފަހުން ފިފާގެ ރަޖިސްޓާޑް މެޗެއް ކުޅެފައިވަނީ 2019ވަނަ އަހަރުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ޕާކިސްތާންގެ އިތުރުން މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ބޫޓާން ވެސް ވާދައެއް ނުކުރެއެވެ. އެއީ އެގައުމްގެ ކޯވިޑް-19ގެ ހާތަލާއި ގުޅިގެން، ޒަރޫރީ ބޭނުމެއްގައި ނޫނީ އެގައުމުގެ ރައްޔިތުން އެހެންގައުމުތަކަށް ދަތުރުކުރުން އެންމެ ރަނގަޅު ނޫންކަމަށް އެގައުމުގެ ސަރުކާރުން އެންގުމާއި ގުޅިގެންނެވެ.

ސާފް ޗެންޕިއަންޝިޕް މާލޭގައި ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1 އިން 16އަށެވެ. ފަސް ޓީމާއެކު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.