ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު ވަރަށް ބޮޑުތަން ވެއްޓިއްޖެ


ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު ވަރަށް
ބޮޑުތަން ދަށްވެއްޖެއެވެ.



މި ގޮތުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 37.65
އެމެރިކާ ޑޮލަރަށް ވެއްޓިފައިވާ އިރު މިއީ 5.8 އިންސައްތަ ދަށް އަދަދެއް ކަމަށް
ރިޕޯޓްތައް ބުނެއެވެ. މިއީ 2009 ވަނަ އަހަރަށް ފަހު ދުނިޔޭގެ ބާޒާރުގައި
ތެލުގެ އަގު މިހާ ދަށްވި ފުރަތަމަ ފަހަރު ކަމަށް ޚަބަރު ލިބެއެވެ.



ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް އައިސްފައިވަނީ
ގައުމުތަކުން އުފައްދާ ތެލުގެ މިންވަރު އިތުރުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ދުނިޔޭގައި ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު
އޯ.ޕެކްއިން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ އެއިއްތިހާދުގެ
ގައުމުތަކުން އުފައްދާ ތެލުގެ މިންވަރަށް ބަދަލެއް ނުގެންނާނެ ކަމަށް ބުނެފައެވެ. 

އޯޕެކުން ބުނެފައިވަނީ އެއިއްތިހާދުގެ ގައުމުތަކުން ދުވާލަކު 31.5
މިލިއަން ފީފާގެ ތެޔޮ އުފައްދާނެ ކަމަށެވެ. ކުރިއަށް އޮތް 2016 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި
ތެޔޮ ވިއްކާ އަގު އިތުރަށް ދަށްވާނެ ކަމަށް މުރާސިލުން ބުނެއެވެ.