ވިޔަފާރި

ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ މީހުންނަށް ބައެއް ޚިދުމަތްތައް ނުލިބޭނެ


ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަ ނުކުރާ ފަރާތްތަކަށް ޖިމްތަކާއި ސެލޫންތަކުން ޚިދުމަތް ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތުގެ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް އިޢުލާނު ކުރާ ޤަރާރުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އެޅުމަށް ނިންމަވާފައިވާ ޙާއްޞަ ފިޔަވަޅުތަކާ ގުޅިގެން، ކޮވިޑް-19 އިން ރައްކާތެރިވުމަށް، ވެކްސިންޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އެ މިނިސްޓްރީން އެދޭކަމަށެވެ. އަދި، މިއަދުން ފެށިގެން، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ ފަރާތްތަކާމެދު، ވިޔަފާރިތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިތަކަށް އަންގާފައެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކާއިމެދު އެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ އަންގާފައެވެ. އަދި ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ޚިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ޚިދުމަތް ނުދިނުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ވަނީ އަންގާފައެވެ.

މީގެއިތުރުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ވަނީ އަންގާފައެވެ. އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީ.ސީ.އާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް ވަނީ ބުނެފައެވެ.

ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް މިމަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް މިއަދުން ފެށިގެން ޓެކްސީތަކުގައާއި ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރުނުކުރެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންވެސް ވަނީ ކަނޑައަޅާފައެވެ.