ޚަބަރު

ސަރަޙައްދީ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރަންޖެހޭ- ރައީސް


ސަރަޙައްދީ ތަރައްޤީގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި ބޭނުންވަނީ ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ރޫޙުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި މެސެޖްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ސާކް ޤައުމުތަކުގެ ޚާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކަމުގައެވެ. އަދި، ވަކިވަކި ޤައުމުތަކުގައި އަމަން ޤާއިމް ކުރެވޭނީ ސަރަޙައްދީ އަމާންކަން ޔަޤީންކުރެވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.ސާކް ޗާޓަރޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ތިމާވެށީގެ ނުރައްކަލާއި ޤުދުރަތީ ބޮޑެތި ކާރިޘާތަކަކީ މިއަދު ދެކުނު އޭޝިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތައްކަން ފާހަގަ ކުރައްވާފައިވެއެވެ.މީގެ އިތުރުން، ޓެރަރިޒަމްގެ ބިރާއި، ހައްދުފަހަނަޅާދިއުމުގެ މައްސަލަތައްވެސް މިއަދު ބޮޑުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ސަރަޙައްދީ ތަރައްޤީ ހޯދަން ބޭނުންނަމަ، މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި ހުރިހާ ޤައުމަކުން އަތު ގުޅާލައި، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައްލަވާލައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޚާރިޖީ ސިޔާސަތުގައި، އަވަށްޓެރި ޤައުމުތަކާ ގުޅުން ބެދެހިކުރެއްވުމަށް ދެއްވާ އަހައްމިއްޔަތަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. އަދި ސާކްގެ އެހެން ޤައުމުތައް ވެސް މިފަދަ ސިޔާސަތެއް ގެންގުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކުގެ އުޞޫލުތައް ނަގަހައްޓައި، ސަރަޙައްދީ ގުޅުންތައް ރަނގަޅުކޮށް ދެކުނު އޭޝިޔާގެ ތަރައްޤީއަށްޓަކައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހުރިހާ ޤައުމަކުންވެސް އިސްކަން ދޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.