ކުޅިވަރު

ގްރީޒްމަން އަނެއްކާވެސް އެޓްލެޓިކޯއަށް


ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއަށް ކުޅެމުންދާ އެންޓޮއިން ގްރީޒްމަން އޭނާ ކުރިން ކުޅުނު އެތުލެޓިކޯ މެޑްރިޑަށް އަލުން ބަދަލުވެއްޖެއެވެ. ގްރީޒްމަން އެޓްލެޓިކޯއަށް ބަދަލުވެފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

މިއެއްބަސްވުމުގެ ދަށުން ގްރީޒްމަންގެ މުސާރަ ދޭނީ އެތުލެޓިކޯއިންނެވެ. އަދި މި ޓްރާންސްފަރ ދާއިމީ ކުރާ މާއްދާއެއް މިއެއްބަސްވުމުގައި އެބައޮތެވެ. 2019 ވަނަ އަހަރު އެޓްލެޓިކޯއިން ބާރސާއަށް ގްރީޒްމަން ބަދަލުވުމުގެ ކުރިން އެކްލަބަށް ވަނީ 257 މެޗްގައި 133 ލަނޑު ޖަހައިދީފައެވެ. ނަމަވެސް އޭނާ ބާރސާއަށް ކުޅުނު 102 މެޗްގައި މިހާތަނަށް ޖެހިފައި ވަނީ 35 ލަނޑެވެ. އަދި ކާމިޔާބުކޮށްފައިވަނީ ކޮޕާ ޑެލްރޭ އެކަންޏެވެ. ގްރީޒްމަން ވެފައިވަނީ މިސީޒަންގައި ބާރސާ ދޫކޮށް ދިޔަ އެގާރަވަނަ ކުޅުންތެރިޔާއަށެވެ. މީގެތެރޭގައި ލިއޮނެލް މެސީ ވެސް ހިމެނެއެވެ. އަދި ގްރީޒްމަން ވެފައިވަނީ ޓްރާންސްފަރ ޑެޑްލައިން ދުވަހު އެކްލަބް ދޫކޮށްދިޔަ ތިންވަނަ ކުޅުންތެރިޔާއަށެވެ. އަނެއް ދެ ކުޅުންތެރިންނަކީ އެމަރސަން ރޮޔާލް އާއި އިލައިކްސް ބޮރީބާއެވެ. މިދިޔަ ސީޒަންގައި އެތުލެޓިކޯއަށް ވަނީ ބާރސާގެ ފޯވަޑް ލުއިސް ސުވަރޭޒް ސޮއިކޮށްފައެވެ. އަދި އޭނާވަނީ މިދިޔަ ސީޒަންގައި އެޓީމަށް ލަލީގާ ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބައެއް ފަރާތްތަކުން އަންނަނީ ބާރސާގެ މިފަދަ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިގޮތުން މިދިޔަ ސީޒަންގައި ސުވަރޭޒް ދޫކޮށްލުމުގެ އިތުރުން މިފަހަރުވެސް ލީގުގައި އެންމެ ބޮޑެތި ވާދަވެރިންގެ ތެރޭގައި ހިމެނޭނެ އެއް ކްލަބް ކަމަށްވާ އެތުލެޓިކޯއަށް އަނެއްކާވެސް މުހިންމު ކުޅުންތެރިއެއް ދޫކޮށްލުން މިއީ އެހެންޓީމުތައް ވަރުގަދަ ވެގެންދާއިރު ލީގުގައި ގިނަ މައްސަލަ ތަކެއް ބާރސާއަށް ކުރިމަތިވާނެކަމެއް ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.