ވިޔަފާރި

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި!


މުދަލު ޒަކާތުގެ ނިޞާބަކީ 6878.20 ރުފިޔާކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އޯގަސްޓުމަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބަކީ 6878.20 ރުފިޔާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ކުރީން މިއަހަރުގެ އެޕްރީލް މަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 6961.50ރ. އެވެ. އެހެން ކަމުން ނިޞާބުގެ އަދަދު މިވަނީ ދަށްވެފައެވެ.

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނައި ކަމުގައި ވިއަސް މުދަލު ޒަކާތް ދައްކަން ޖެހެނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. މީރާ އިން ހާމަކޮށްފައިވާ ގޮތުގައި މުދަލު ޒަކާތް މީރާއަށް އޮންލައިކޮށް ވެސް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މިރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހު، މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 39.6 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު މިމުއްދަތުގައި މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 24 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.