ވިޔަފާރި

ރަޝިއާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ޓެޒް ޓުއާސްއާ އެކު ކެންޕެއިނެއް


ރަޝިއާގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، ކުރިއަށް އޮތް ޕީކް ސީޒަންގައި އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުމަށްޓަކައި އެމްއެމްޕީއާރުސީން ރަޝިޔާގެ ޓުއަރ އޮޕަރޭޓަރ، ޓެޒް ޓުއާސްއާ އެކު ޚާއްސަ ކެންޕެއިނެއް ފަށައިފިއެވެ.

ޓެޒް ޓުއާސް އަކީ ރަޝިއާގެ އެންމެ ކުރީގައި އުޅޭ އެއް ޓުއަރ އޮޕަރޭޓަރއެވެ. އެމްއެމްޕީއާރުސީން ޓެޒް ޓުއަރއާއެކު ފަށާފައިވާ ކެންޕެއިނަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަޝިއާގެ ފަތުރުވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތަރިވާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ކެންޕެއިނެކެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެންޕެއިންގެ ޓީވީ، ރޭޑިއޯ، ސޯޝަލް މީޑިއާ، ބްލޮގް އަދި ވެބިނާތައް މެދުވެރިކޮށް ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެތެރޭގައި ޔޫރޯ ނިއުސް ޗެނަލް އަދި ރަޝިޔާގެ ބައެއް ރީޖަނަލް ޓީވީ، އަދި ރޭޑިއޯތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ކުރެވޭނެއެވެ. މި ކެންޕެއިން މެދުވެރިކޮށް ރަޝިޔާގެ 15 މިލިއަން ފަރާތަކަށް ރާއްޖެ އިޝްތިހާރުކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މިކެންޕެއިންގެ ޒަރިއްޔާއިން، ރާއްޖެއަކީ ރަޝިއާ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ ގޮތުގައިކަމާއި، ރާއްޖެއިން ރަޝިޔާ ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް މިކެންޕެއިންގެ ތެރެއިން އިޝްތިހާރުކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކުރެއެވެ. މިކެންޕެއިންގެ ޒަރިއްޔާއިން ރަޝިއާ ފަތުރުވެރިން ރާއްޖެއަށް ބުކިން ހަދާ މިންވަރު އިތުރުވެ، ކުރިއަށް އޮތްތަނުގައި ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ލަފާކުރެެއެވެ.

ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މި އަހަރުގެ 1 ވަނަ ސޯސް މާކެޓެވެ. އޯގަސްޓް މަހުގެ 18 ވަނަ ދުވަހާއި ހަމަޔަށް ، ރަޝިޔާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު 154380 އަށް އަރާފައިވާއިރު، މިއީ މުޅި އަހަރުގެ ޖުމްލަ އެރައިވަލްސްގެ 22 އިންސައްތައެވެ. ރަޝިއާ އަކީ 2020 އަދި 2013 ގައިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާތްކުރި 10 މާކެޓުގެ ލިސްޓުގައި ހިމެނޭ ޤައުމެކެވެ.

ރަޝިޔާ މާކެޓަށް ޚާއްސަކޮށް ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެކްސްޕީޑިއާ ކެންޕެއިން، ފޭމިލަރައިޒޭޝަން ޓްރިޕްތަކާ، ރޯޑްޝޯވގެ އިތުރުން ވިޓް 2021، މޮސްކޯ ޑައިވް ޝޯ، ލަގްޒަރީ ޓްރެވަލް މާޓް (އެލްޓީއެމް) މޮސްކޯގައި ބައިވެރިވުމުގެ އިތުރުން ނެޝަނަލް ޖިއޮގްރޮފިކް ޗެނަލާއެކު އެގްޒިބިޝަނެއްވެސް ވަނީ ބާއްވާފައެވެ.