ޚަބަރު

ސްކޫލްތަކުގައި އަލިފާން ނިވި ހަރުކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފި


ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިވި ހަރުކޮށް ބެލެހެއްޓެވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފާއި ޙަވާލުކުރައްވާ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޝިހާމްއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެެއްވީ ސިފައިންގެ ވެލްފެއާ ކުންފުނި، ސިވިކްގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރުއެވެ.

ރާއްޖޭގެ ސްކޫލްތަކަކީ ވަސީލަތްތައް ހަމަ އަދި ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހައްދަވާ އެކަން ނިޒާމީ ގޮތެއްގައި ބެލެހެއްޓެވުމަށްޓަކައި މި އެއްބަސްވުމުގެ ދަށުން 213 ސްކޫލެއްގައި އަލިފާން ނިވި ހަރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތަކުގައި އަލިފާން ނިވި ހަރުކޮށް ބެލެހެއްޓެވުމަށް އެމްއެންޑީއެފްއާ ޙަވާލުކުރެއްވީ ތިން އަހަރުގެ މުއްދަތަށް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ވެލްފެއަރ ކުންފުނީގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، ސްކޫލްތަކުގައި މިހާރު ހެދިފައި ހުރި އެސްއޯޕީގެ ދަށުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ސްކޫލްތަކަށް ޒިޔާރަތްކޮށް ސްކޫލްތަކުގެ ޙާލަތު ބެއްލެވުމަށް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށެވެ.

ކުއްލި ޙާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސްކޫލްތަކުގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރުކުރެވިފައިވާއިރު، އެ ޕްލޭންގެ ދަށުން ސްކޫލްތަކުގައި ޓްރެއިނިން ޕްރޮގްރާމްތައް ހިންގެވުމަށް ދާދި ފަހުން މިނިސްޓްރީން ވަނީ އެމްއެންޑީއެފްއާއި، ދިވެހި ރެޑް ކްރެސެންޓާއި އަދި ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރާއެކު އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.