ޚަބަރު

ކޮމެޓީ މަަސައްކަތްތައް ނިންމުމަށް، މާދަމާ މަޖިލިސް ޖަލްސާ ނުބާއްވަން ނިންމަވައިފި


ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމެޓީތަކެއްގައި ނިންމަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވައި ކޮމެޓީ ބައްދަލުވުންތައް ބޭއްވުމަށް ނިންމަވައިފިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ކޮންމެ ހަފްތާއަކުވެސް ހޯމަ، އަންގާރަ، ބުދަ ދުވަހަކީ މަޖިލިސް ޖަލްސާތައް އޮންނަ ތިން ދުވަހެއެވެ. ނަމަވެސް މާދަމާ މަޖިލިސް ޖަލްސާ ނުބޭއްވުމަށް ނިންމާފައިވަނީ، މަޖިލީހުގެ ކޮމެޓީތަކުގެ މަަސައްކަތް ނިންމުމަށް ޖާގަ ދިނުމުގެ ގޮތުންކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވާފައިވެއެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ މާދަމާގެ ޖަލްސާ ނުބޭއްވި ކަމުގައި ވީނަމަވެސް މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ވަޑައިގެން ހުރި މަަސއްކަތް ނިންމުމަށް ގިނަ ވަގުތު މަޖިލީހުގައި ހޭދަ ކުރައްވާނެކަމަށެވެ. މެމްބަރުންގެވެސް އެންމެބޮޑު އަމާޒަކީ ކޮމިޓީތަކުގައި މިހާރު ނުނި އޮތް 17 ވަރަކަށް ބިލުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުންކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާވެސް ނިންމާލާފައިވަނީ ކޮމެޓީތަކުގައި ކުރަންޖެހޭ މަސައްކަތް ގިނަވެ، މެމްބަރުން ކޮމެޓީތަކަށް ދާންޖެހުމުން ތަޅުމުގައި މެމްބަރުން މަދުވުމުގެ ސަބަބުންނެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ މިއަހަރުގެ ފަހު ދައުރަށް 32 ބިލެއް މަޖިލީހަށް ފޮނުވަން ނިންމާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. މީގެ ތެރެއިން ބައެއް ބިލްތައް މިހާރުވަނީ މަޖިލީހަށް ފޮނުވާފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެކުރިން، އެ ދައުރަކަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހަށް ފޮނުވަންވާނެކަމަށެވެ. އަދި އެލިސްޓު މެމްބަރުންނާއި ހިއްސާކުރަން ވާނޭކަމަށްވެސް ގަވާއިދުގައިވެއެވެ.

މިދައުރުގައި މަޖިލީހަށް ފޮނުވާ މުހިންމު ބިލު ތަކުގެ ތެރޭގައި ހެއްކާބެހޭ ބިލާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއި، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލުވެސް ހިމެނެއެވެ. މީގެ އިތުރުން ބައެއް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުތައްވެސް ސަރުކާރުން ފޮނުއްވި ލިސްޓުގައި ހިމެނެއެވެ.