ސިޔާސީ

އޯޑިއޯތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ފުލުހުންނަށްދީފި


ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއްކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް، އެ އޯޑިއޯތަކުގައި ވާހަކަދެއްކިކަމަށްބުނާ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މީޑިއާތަކުގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުންދާއިރު، މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްގެންދިއުމަށްޓަކާ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް އެ ކޮމިޝަނުން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ. އަދި އޯޑިއޯތަކުގައި އެ ފަނޑިޔާރުންކަމަށްބުނާ ފަނޑިޔާރުންގެ ރުހުމާއެކު އޯޑިއޯ ސާމްޕަލްތައް މިއަދު ފުލުހުންނަށް ދެއްވާފައިވާކަމަށްވެސް ޖޭ.އެސް.ސީން ވިދާޅުވެއެވެ.

މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާ އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް މިއޯޑިއޯތަކުގައި ވާހަކަދައްކަވާފައި ވާކަމަށްބުނާ ކްރިމިނަލް ކޯޓުގެ 3 ފަނޑިޔާރުންވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މިދިޔަ އާދިއްތަ ދުވަހު މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށައިފައެވެ. މި ތަޙުޤީގާއި ގުޅޭގޮތުން ޖޭ.އެސް.ސީން ވިދާޅުވީ، މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާ، އެ ކޯޓުގެފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާ، ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވާކަމަށެވެ.

މިމައްސަލައިގެ ތަޙުޤީގުގައި 3 ފަނޑިޔާރުންވެސް ވަނީީ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި 2 ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލާއި ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވުނުކަންވެސް ޖޭއެސްސީންވަނީ ވިދާޅުވެފައެވެ. އަދި އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް އެ 2 ފަނޑިޔާރުންވެސް ދޮގުކުރައްވާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.