ވިޔަފާރި

ސްރީލަންކަން އެއަރލައިންސް ދަތުރުތަކެއް ގަމަށް


ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީ ގަމާއި ކޮލަންބޯއާ ދެމެދު ޗާޓަރ ދަތުރުތަކެއް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު ކުރަމުންދާ ވަގުތީ ދަތުރުތަކަކީ އައްޑޫއަށް އަންނަ ފަތުރުވެރިން އުފުލުމަށް ކުރަމުންދާ ދަތުރުތަކެކެވެ. އަދި މިދަތުރު ރޭވިފައި އޮތީ ހަފްތާއަކު ދަތުރެއް ކުރާ ގޮތަށްކަމަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޝެޑިއުލް ދަތުރުތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ގަމާއި ކޮލަންބޯ ދެމެދު ދަތުރު ކުރުމަށް ރިޒަވޭޝަން ހެދުމަށް ވަނީ ހުޅުވާލާފައެވެ. ސްރީލަންކަންއިން ދަތުރުތައް ފެށި ކަމުގައިވިއަސް ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދަތުރުވެރިން ސަމާލުވުމަށް ސްރީލަންކަން އިިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސްރީލަންކަން އެއާލައިންސް ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ، ފިނި މޫސުމާއި ދިމާކޮށް ގަމަށް ޝެޑިއުލް ދަތުރުތަކެއް ފަށާނެކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަދި މިދަތުރުތަކުގެ ޝެޑިއުލް އޮތްގޮތް ވަރަށް އަވަހަށް އެއާރލައިނުން ހާމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އޭނާ ދެއްވާފައި ނުވެއެވެ.

ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށީ ޑިސެމްބަރު، 1، 2016 ގައެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫއިން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެއެވެ. މީގެ އިތުރުން އައްޑޫގެ ވިޔަފާރިތަކުން ފްރައިޓްކޮށް ކާގޯވެސް ގެނެއެވެ.

ސްރީލަންކަން އެއާލައިންސް މީގެ ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ހަފްތާއަކު 3 ދަތުރު ކުރަމުން އައިސް ދަތުރު ހުއްޓާލީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާއި އެކުގައެވެ.