ދުނިޔެ

ޓްރަމްޕްގެ ހަރުކަށި ބަސްތަކެއް މުސްލިމުންނަށް!


މުސްލިމް ގައުމުތަކުން އެމެރިކާއަށް މީހުން އައުން
ވަގުތީ ގޮތުން މަނާކުރަން ޖެހޭ ކަމަށް އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ
އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތް
ކުރައްވާ އެމެރިކާގެ މިލިއަނަރު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.



ސައުތް ކެރޮލައިނާގައި ކުރިއަށް ދިޔަ ކެމްޕެއިން
އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މުސްލިމް ޤައުމުތަކުގެ
ރައްޔިތުން އެމެރިކާއާ މެދު ގެންގުޅޭ ވިސްނުނުމުގެ އަސްލު އެނގެންދެން
އެގައުމުތަކުން އެމެރިކާއަށް ވަންނަމުންދާ މީހުން ހުއްޓުވަންޖެހޭ ކަމަށެވެ.



ޓްރަމްޕްގެ މި ބަސްތަކަށް ގިނަ ބައެއްގެ
ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.



ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އެމެރިކާގެ
ކެލިފޯނިއާގައި އަރަބި ނަސްލުގެ ދެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި 14 މީހުން
މަރުވި ޙާދިސާއަށް ފަހުއެވެ.



މި ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް
އެމެރިކާގެ އެތެރޭގެ ތަހްޤީޤާ ބެހޭ އިދާރާ އެފް.ބީ.އައި.އީން ވަނީ ބުނެފައެވެ.