ދުނިޔޭގެ ވިޔަފާރި

ވިއެޓްނާމް ފުރަބަންދުކުރުމުގެ ސަބަބުން ކޮފީ ސަޕްލައިކުރުމަށް ދަތިތަކެއް


ވިއެޓްނާމްގެ އެންމެ ބޮޑު އެއް ސިޓީ ކަމުގައިވާ ހޯޗިމިން ފުރަބަންދުކުރުމުގެ ސަބަބުން ކޮފީ ސަޕްލައި ކުރުމަށް ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ކޯވީޑްގެ އައު ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމުގެ ސަބަބުން ކޮފީ ބޭރުކުރާ މައިގަނޑު އެއް ސިޓީ ކަމުގައިވާ ހޯޗިމިން ސިޓީން ވަނީ ދަތުރުފަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ހޯޗިމިން ސިޓީ ފުރަބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވާ ކޮފީގެ ޝިޕްމަންޓްތަކަށް ވަނީ ބުރޫ އަރާފައެވެ. އަދި މުދާ އުފުލައިދޭ އަގުތައްވެސް ވަނީ މީގެސަބަބުން ބޮޑުވެފައެވެ.

ޝިޕްމަންޓްތަކަށް ތަކެތި ފޯރުކޮށްދިނުން އަވަސްކުރުމުގެ ގޮތުން ފިޔަވަޅުތައް ލުއިކޮށްދީ އަގުތައްވެސް ހެޔޮކޮށްދިނުމަށް ވިއެޓްނާމްގެ ކޮފީ ކޮކޯ އެސޯސިއޭޝަނުން ވަނީ އެ ޤައުމުގެ ސަރުކާރަށް ގޮވާލާފައެވެ. މި ކަންބޮޑުވުންތަކާއި ގުޅިގެން ކޮފީ އާއި އެނޫންވެސް މުދާ އުފުލުމުގައި ހުރި ދަތިތައް ނައްތާލުމަށް ފިޔަވަޅުތައް އަޅައިދިނުމަށް އެދި މިދިޔަ ހަފްތާ ވިއެޓްނާމްގެ ދަތުރުފަތުރާއިބެހޭ ވަޒީރު ވަނީ ރީޖަނަލް އޮތޯރިޓީތަކަށް އަންގަވާފައެވެ.

ހޯޗިމިން ސިޓީއާއި އެ ސިޓީގެ ބަނދަރުތަކަކީ ދުނިޔޭގެ މުދާ އުފުލާ ނެޓްވޯކްގައި މުހިންމު ރޯލެއް އަދާކުރާ ތަންތަނެވެ. މި ބަނދަރުތަކުން ޗައިނާއިން ޔޫރަޕާއި ހަމައަށް މުދާ އުފުލައިދެއެވެ.

ވިއެޓްނާމަކީ އިންސްޓަންޓް ކޮފީގައި ޢާންމުކޮށް ބޭނުންކުރާ ރޮބަސްޓާ ކޮފީ އުފައްދާ މައިގަނޑު އެއް ޤައުމެވެ. މިއަހަރުގެ މިހާތަނަށް ހޯލްސޭލްކޮށް ރޮބްސްޓާ ކޮފީ ވިއްކާ އަގު ވަނީ 50 އިންސައްތައަށް އިތުރުވެފައެވެ.

ވިއެޓްނާމްގެ އިތުރުން އެންމެ ގިނަ ޢަދަދަކަށް އެރޭބިކާ ކޮފީ އުފައްދާ ބްރެޒިލުންވެސް ކޮފީ ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ގަދަފިނީގެ ސަބަބުން ބްރެޒިލްގެ ކޮފީ ދަނޑުތައް ހަލާކުވެފައިވާއިރު އަލުން ކޮފީ ދަނޑުތައް ހައްދަން 3 އަހަރެއްހާ ދުވަސް ނަގާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.