ކުޅިވަރު

ސާފް ޗެންޕިއަންޝިޕަށް ސިޓީ ކައުންސިލްގެ އެހީތެރިކަން ލިބޭނެ - އެފްއޭއެމް


ސާފް ޗެންޕިއަންޝިޕްގެ ފޯރި ގަދަ ކުރުމަށް އެފްއޭއެމުން މާލޭ ސިޓީ ކައުންސިލާއި ބައްދަލުކޮށްފިއެވެ. މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މާލޭގައި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފޯރި ގަދަ ކުރުމަށް އެފްއޭއެމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މުބާރާތް ފަށާއިރު، އެފްއޭއެމުން ދަނީ ކަމާގުޅޭ ފަރާތްތަކާއި ބައްދަލުކޮށް، ސާފް ޗެންޕިއަންޝިޕްގެ ފޯރިގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އެފްއޭއެމުން ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުޙައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝްއާއި ބައްދަލުކޮށްފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގެ ފޯރި ގަދަކުރުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބުކަމަށާއި ސިޓީ ކައުންސިލްގެ އެއްބާރުލުން ލީބޭނެކަމަށް އެފަރާތުން ބުނެފައިވާކަމަށެވެ. ޖަވާޒް ވިދާޅުވީ ސާފް ޗެންޕިއަންޝިޕް ޕްރޮމޯޓް ކުރުމަށް މާލެ ސިޓީގައި ކުރަން ހުރި މަސައްކަތުގައި ސިޓީ ކައުންސިލުން އެއްބާރުލުން ދޭނެކަމަށް ބުނެފައިވާއިރު، މާލެ ސިޓީގައި ބެނާތައް ދެމުމާއި ބައެއް ސަރަހައްދުގައި ފޯސްޓަރުތައް ހަރުކުރުމުގެ އިތުރުން މިމަސައްކަތުގައި ހަރަކާތްތެރިވާނެ މީހުންގެ އެހީތެރިކަންވެސް ސިޓީކައުންސިލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ޖަވާޒް ވިދާޅުވިއެވެ. ޖަވާޒް ވިދާޅުވީ ސިޓީ ކައުންސިލުން ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ސާފް ޗެންޕިއަންޝިޕްގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ ބަންގްލަދޭޝްގައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެގައުމުގައި މުބާރާތް ކުރިއަށް ނުގެންދެވިގެން ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުންވަނީ މުބާރާތް ބާއްވަން ބޭނުންވާ ގައުމުތަކަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެފްއޭއެމުން ސާފް ޗެންޕިއަންޝިޕް ބޭއްވުމުގެ ބިޑް ކާމިޔާބުކޮށްފައި ވަނީ ނޭޕާލާ ވާދަކޮށްގެންނެވެ. މިފަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔައީ މިސަރައްޙައްދުގެ ގައުމުތަކުގެ ތެރެއިން ކޯވިޑް-19 އިން އަރައި ގަތުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަކާއި ރާއްޖޭގައި ކޯވިޑް-19އަށް ފައްސިވާ މިންވަރު އަދި ކޮވިޑް-19 ވެކްސިން ޖަހާފައިވާ މިންވަރު އިތުރު ވުމުގެ ސަބަބުންނެވެ.