ޚަބަރު

ލައިސަންސް ނެގުމަށް އިމްތިހާން ހަދަންޖެހޭ މުއްދަތު އަންނަ ޖެނުއަރީއާއި ހަމައަށް އިތުރުކޮށްފި


އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން އިމްތިހާން ހަދަންޖެހޭ މުއްދަތު އަންނަ ޖެނުއަރީމަހާއި ހަމައަށް އިތުރުކޮށްފިއެވެ.

މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގައިވާ ގޮތުން ލައިސަންސް ހެއްދުމަށް ތިއަރީ އިމްތިހާން ފުރިހަމަކުރާތާ 6 މަސް ދުވަހުގެ ތެރޭގައި ޕްރެޓިކަލް ނުވަތަ ދުއްވުމުގެ ޓެސްޓް ފުރިހަމަކުރަންޖެހޭނެއެވެ. އެހެންނޫންނަމަ އަލުން ތިއަރީ އިމްތިހާނު ހަދަންޖެހޭނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، ކޯވިޑްގެ ޙާލަތު ސީރިއަސްވެ އެކި ފަހަރު މަތިން ފުރަބަންދު ކުރުމާއި ގުޅިގެން ވަރަށް ގިނަފަރާތްތަކަށް ދުއްވުމުގެ އިމްތިހާން ހެދުމުގެ ފުރުސަތު ލިބިފައިނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ގަވާއިދު ގެޒެޓް ކުރުމުގެ ކުރިން ތިއަރީ އިމްތިހާން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ފުރުސަތެއް ދިނުމުގެ ގޮތުން އެ ފަރާތްތަކުގެ ތިއަރީ އިމްތިހާންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. މި މުއްދަތު އިތުރުކޮށްފައިވަނީ 15 ޖެނުއަރީ 2022 އާ ހަމައަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކުރި އައު ގަވައިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެއެވެ. އައު ޤަވާއިދުގައިވާ ގޮތުން އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ޚިލާފުވާނަމަ ލައިސަންސާއިއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓްތައް އުނިކޮށް އެ ޕޮއިންޓްތައް ހުސްވުމުން ލައިސަންސް ބާތިލުވާނެއެވެ. އަދި ގަވާއިދުތަކާއި ޚިލާފުވެގެން ލައިސަންސްއިން ޕޮއިންޓް ހުސްވެ ލައިސަންސް ބާތިލުވެއްޖެނަމަ އަލުން ލައިސަންސް ނެގޭނީ 6 މަސްދުވަސް ފަހުންނެވެ. އެމީހަކަށް އަލުން ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާނުގައި ބައިވެރިވެ ފާސްވެއްޖެނަމަ ކަމަށްވެސް އައު ގަވާއިދުގައި ބުނެފައިވެއެވެ.