ޚަބަރު

ހިޔާ ފްލެޓުތަކުގެ ހުރިހައި ޓަވަރަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިއަދު ނިންމާލަނީ


ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ 14 ޓަވަރަށް މިހާތަނަށް ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ބާކީ 2 ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް މިއަދު ނިމޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. ހިޔާ ފްލެޓްތަކުގެ ޓަވަރުތަކަށް ކަރަންޓު ދޭން ސްޓެލްކޯއިން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

ސްޓެލްކޯއިން ވިދާޅުވީ ފެލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަނީ އެ ޓަވަރަކުން ފްލެޓް ލިބިފައިވާ މީހުންނަށް ހާޒިރުވާވީ ގަޑި އެސްއެމްއެސް އަކުން އެންގުމަށްފަހުގައިަކަމަށެވެ. އެހެންކަމުން އެމީހަކަށް ޚާއްސަ ކުރެވިފައިވާ ގަޑިއަށް އެކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފުލެޓުގެ ތަޅުދަނޑިއާއެކު، ޓަވަރަށް ދިއުމަށް ސްޓެލްކޯއިން އިލްތިމާސް ކުރައްވައެވެ.
ސްޓެލްކޯއިން ވިދާޅުވީ މިހާތަނަށް 14 ޓަވަރަކަށް ކަރަންޓު ދީފައިވާކަމަށާއި ކަރަންޓުގެ މަސައްކަތް ނުނިމި ހުރީ ލިފްޓުތަކުގެ މަސައްކަތް މުޅިން ނުނިމި ހުރި ޓަވަރުތަކުގައި ކަމަށެވެ. އެހެންނަމަވެސް އެ ޓަވަރުތަކުގެ ބައެއް ފްލެޓްތަކަށްވެސް މިހާރު ކަރަންޓް ދީފައިވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި ހުރިހާ ޓަވަރަކަށް ކަރަންޓި ދިނުމުގެ މަސައްކަތް މިއަދު ނިންމާލާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޑީސީން ވިދާޅުވީ ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދިނުމުގައި މާ ބޮޑެތި މައްސަލަތަކެއް ދިމާވެފައި ނުވާކަމަށެވެ. އަދި ސްޓެލްކޯއިން ކަރަންޓް ދިނުމަށް އައިސް، ހުންނަ ކުދިކުދި ކަންތައްތައް ރަނގަޅުކުރަމުން އަންނަކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ގިނަ ބަޔަކު ފްލެޓަށް ބަދަލުވުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 25 ބުރީގެ 16 ޓަވަރަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. 16 ޓަވަރަށާއި އަދި އިތުރު ބޭނުންތަކަށް ޤާއިމުކުރި 1 ޓްރާންސްފޯމަރާއެކު ޖުމްލަ 17 ޓްރާންސްފޯމަރު ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ވަނީ ބަހައްޓާފައެވެ.

މިފްލެޓްތައް ލިބުނު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވީ ފިނިޝިންގއަށް ދިން މުއްދަތު ކުރުވުމެވެ. އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ފިނިޝިންގއަށް ދީފައިވާ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިތުރުކޮށްދެއްވާފައެވެ. އަދި ފަހުން އިތުރުކުރި 3 މަހަށް ރައްޔިތުންގެ އަތުން ކުލިވެސް ނުނަގާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.