ވިޔަފާރި

ޔޫރަޕްގެ އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓްކުރުމަށް ހުރި ފުރުސަތުތައް ބަލަނީ


ރާއްޖެއިން ޔޫރަޕްގެ އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓްކުރުމަށް ހުރި ފުރުސަތުތައް ބަލަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޕީީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޙަސަން ރަޝީދު ވިދާޅުވީ ރާއްޖޭގައި ބާނާ މަހަށް ހަމައަގު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ މަހަށް ހަމައަގު ލިބޭނީ ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށްވެސް ރަނގަޅު އަގެއް ލިބިގެންގަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން އިތުރު މަރކެޓްތަކަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރުމަށްޓަކައި ދިރާސާތަށް ކުރެވެމުންދާ ކަމަށާއި ތުރުކީއަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

" ފޮރިން މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންމިދަނީ ތުރުކީއަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން. ހަމައަގު ހޯދުމަށް ކުރާ މަސައްކަތްތައް މިއީ. ހަމައަގު ހޯދޭނީ އެކްސްޕޯޓަރުންނަށްވެސް ރަނގަޅު އަގެއް ލިބިގެން." ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވިއެވެ.

ތުރުކީގެ އިތުރުން ރަޝިއާ މަރކެޓަށްވެސް ރާއްޖެއިން މަސް އެކްސްޕޯޓުކުރުމަށް އެކަމުގައި ހުރި ދަތިތަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"އެއް މަރކެޓަށް ބަރޯސާވުން އެބަ ޖެހޭ ކުޑަކުރަން. ޔޫރަޕްގައި ހުރި އީޔޫގައި ނުހިމެނޭ ޤައުމުތަށް އެބަހުރި، މިއީވެސް ޓެޕްކުރެވިދާނެ މާރކެޓްތަށް. މިހާރު އެ މަރުހަލާތަށްވެސް މަސައްކަތް ކުރެވެމުންއެބަދޭ. ހަމައެއާއެކު ރަޝީއާއަށްވެސް އެކްސްޕޯޓްކުރުމުގައި ހުރި އުނދަގޫތަށް ހައްލުކުރުމަށް ފޮރިން މިނިސްޓްރީއާއެކު މަސައްކަތްކުރަމުން މިދަނީ." ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވިއެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެފުޅާ ދާއިރާއެއްގައި ރާއްޖޭގެ މަސް އެކްސްޕޯޓް ކުރަނީ ޖަރުމަނު ވިލާތަށާއި، އިނގިރޭސިވިލާތާއި ފަރެންސޭސި ވިލާތަށެވެ.

އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމަކުގެ ލިސްޓަށް ރާއްޖެ އެރުމުގެ ސަބަބުން، ރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުން އައި ޑިއުޓީގެ ޢިނާޔަތްވަނީ، 2013ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ކަނޑާލާފައެވެ. އޭގެސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންދިޔަ މަންފާ ވަރަށްބޮޑަށް ދަށްވެފައިވެއެވެ.