ކުޅިވަރު

މިފަހަރުގެ ސާފު ޗެންޕިއަންޝިޕާއެކު ފުޓްބޯޅައިގެ ފޯރި އަލުން ގެނެވިދާނެ - އިމްރާން


ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް މާލޭގައި ބާއްވާ ސާފް ޗެންޕިއަންޝިޕަކީ ވަރަށް ރަނގަޅު މުބާރާތެއްކަމަށް ޤައުމީ ޓީމުގެ ކުރީގެ އެއްނަންބަރު އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ. ރާއްޖެ ދެވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕްގެ ތަށި ދިފާއުކުރުމަށް ނިކުންނައިރު، މިފަހަރު މުބާރާތް ކުރިއަށްދާނީ މާލޭގައެވެ.

އެފްއޭއެމްއިން ސާފް ޗެންޕިއަންޝިޕް ބޭއްވުމުގެ ބިޑް ކާމިޔާބުކޮށްފައި ވަނީ ނޭޕާލާ ވާދަކޮށްގެންނެވެ. މިފަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔައީ މިސަރައްޙައްދުގެ ގައުމުތަކުގެ ތެރެއިން ކޯވިޑް-19 އިން އަރައި ގަތުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަކާއި ރާއްޖޭގައި ކޯވިޑް-19އަށް ފައްސިވާ މިންވަރު އަދި ކޮވިޑް-19 ވެކްސިން ޖަހާފައިވާ މިންވަރު އިތުރު ވުމުގެ ސަބަބުންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ތަށި ކާމިޔާބުކޮށްފައިވަނީ 2008ވަނަ އަހަރުއެވެ. ދެވަނަ ފަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ އެންމެ ފަހުން 2018ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުނު ސާފް ސުޒުކީ ކަޕްގައެވެ. މި ދެފަހަރުވެސް ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ އަވައްޓެރި އިންޑިޔާ އާއި ވާދަކޮށްގެންނެވެ. 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރުގައި މުޅި ގައުމު އޮތީ އެއްކޮށް ރަތް ކުލަައިގައެވެ. އަދި 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރިއިރު ވެސް ޤައުމީ ޓީމު މާލެ އައުމުން ޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ޓްރެއިނަރ އިމްރާން މުޙައްމަދު ބުނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ރާއްޖެއަށް ލިބިފައިވާ މިވަގުތަކީ ވަރަށް މުހިންމު ވަގުތެއްކަމަށެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ވަރަށް ދަށްވެފައިވާ ދަނޑިވަޅުގައި ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް ލިބިގެންދިޔަ ފުރުސަތެކެވެ. އިމްރާން ބުނީ ރާއްޖޭގެ ފުޓްބޯޅައާއި މެދު މީހުން ހިޔާލު ތަފާތުވެ، ފާޑުކިއުންތައް ވެސް އަންނަނީ ދިވެހި ފުޓްބޯޅައަށް އޮތް ލޯތްބެއްގެ ބޮޑުކަމުންކަމަށާއި ދިވެހި ފުޓްބޯޅަ ދެކެ ލޯބިނުވާ ދިވެހި ރައްޔިތެއް މިގައުމްގައި ނޫޅޭނެކަމަށް ގައުމީ ޓީމުގެ ކުރީގެ އެއްނަންބަރު ކީޕަރު އިމްރާން މުޙައްމަދު ބުންޏެވެ.

"މިވަގުތަކީ ދިވެހި ރައްޔިތުން އެކަތިގަނޑެއް ގޮތަށް، ދިވެހިި ޓީމަށް ސަޕޯޓްކޮށް، އަބަދުވެސް އަޅުގަނޑުމެން ބުނާ ދިވެހި ޓީމުގެ 12ވަނަ ކުޅުންތެރިޔާ، އެކުޅުންތެރިޔާގެ ސަޕޯޓް މުޅި ދުނިޔެއަށް ދައްކާލަން ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް މިލިބިގެންދަނީ. އަޅުގަނޑުމެންގެ އުއްމީދަކީ 2008ވަނަ އަހަރު ރާއްޖޭގައި އޮތްވަރުގެ ފޯރިއެއްނަގައި، މިފަހަރުގެ މުބާރާތުގެ ތަށި ރާއްޖޭގައި ބެހެއްޓުން." އިމްރާން ބުންޏެވެ.

ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ޓީމު މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، މިމުބާރާތަށް ތައްޔާރުވުމަށް އަންނަ މަހުގެ 4ވަނަ ދުވަހު ގައުމީ ޓީމު ގަތަރުގައި ކޭންޕް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެގައުމުގައި ގައުމީ ޓީމު އެކުވެރިކަމުގެ 4 މެޗް ކުޅޭނެއެވެ. މާލޭގައި ސާފް ޗެންޕިއަންޝިޕް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1 އިން 16 އަށެވެ.