ޚަބަރު

އެމްޓީސީސީގެ ހޮޓްލައިން "1650" ތަޢާރަފްކޮށްފި


އެއް ނަންބަރަކުން ކުންފުނީގެ ހުރިހާ ޚިދުމަތްތަކުގެ މަޢުލޫމާތު ލިބޭނެހެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހޮޓްލައިން ނަންބަރު ތަޢާރަފްކޮށްފިއެވެ. ހޮޓްލައިން ނަންބަރަކީ "1650"އެވެ.

އެމްޓީސީސީން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފަވަނީ އެކުންފުންޏަކީ ގިނަ ތަފާތު ވިޔަފާރިއެއްގައި ޝާމިލުވާ ކުންފުންޏެއްކަމުން، އެއް ނަންބަރަކުން ކުންފުނީގެ އެންމެހާ ޚިދުމަތްތަކާއި އޮޕަރޭޝަންތަކުގެ މަޢުލޫމާތު ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. މީގެތެރޭގަ އެމްޓީސީސީގެ ހުރިހާ ޑިވިޝަންތަކާ ގުޅުންހުރި ސުވާލުތަކަށް، މި ހޮޓްލައިން މެދުވެރިކޮށް ޖަވާބު ހޯދޭނެއެވެ.

ހޮޓްލައިން ނަންބަރު "1650"އާއެކު، އެ ކުންފުނިން ވަނީ ކޯލް ސެންޓަރެއްވެސް ޤާއިމުކޮށްފައެވެ. ކޯލް ސެންޓަރުގަ މަސައްކަތްކުރާ މުވައްޒަފުންނަކީ އެކަމަށް އެކަށީގެންވާ ތަމްރީން ދީފަވާ މުވައްޒަފުންނެވެ. އެމްޓީސީސީގެ ކޯލް ސެންޓަރުގެ ޚިދުމަތް 24ގަޑިއިރު ލިބޭނެއެވެ.

މިޚިދުމަތް އިފްތިތާޙު ކޮށްދެއްވައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ "ޓޯލް ފްރީ" ޚިދުމަތެއްކަމުން، މި ނަންބަރުގެ ޚިދުމަތް ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭނެކަމަށެވެ. އެމްޓީސީސީއަކީ ވިޔަފާރިކުރާ އަދި ގިނަ މަޝްރުޢުތަކެއް ހިންގާ ކުންފުންޏެއްކަމުން، ކޮންމެ ދުވަހަކުވެސް އެކި ބޭނުންތަކުގަ ގިނަ ބަޔަކު ގުޅާކަމަށާ، ނަމަވެސް ގުޅަންވީ ނަންބަރު އޮޅުންއަރައި ކަސްޓަމަރުންނަށް ދިމާވި އުނދަގޫތަކަށް، ހޮޓްލައިން ނަންބަރާއެކު ޙައްލު ލިބިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"މަހެއްގެ މައްޗަށް 2000ކޯލް، އެއީ ދުވާލަކަށް 100އަށްވުރެ ގިނަ ކޯލް އެބަ އާދޭ މަޢުލޫމާތު ސާފުކުރަން. މި ނަމްބަރާއެކު ސީދާ ބޭނުންވާ ޑިވިޝަނަށް ކޯލް ޕާސް ކުރެވި މަޢުލޫމާތު ހޯދުމަށް ބޮޑު ލުޔެއް ލިބޭނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޚިދުމަތް ތަޢާރަފްކޮށްފަވަނީ ޚިދުމަތްތައް ވީހާވެސް އަވަސްވާނެގޮތްތަކަށް ކަމަށެވެ.

އެމްޓީސީސީގެ ހޮޓްލައިންގެ ޚިދުމަތް ފެށުމާއެކު، އެމްޓީސީސީން ކަސްޓަރުންނާ ގުޅުމަށް މިހާރު ބޭނުންކުރާ ނަންބަރުތައް 1 މަސް ދުވަހުގެ ތެރޭގަ ބޭނުންކުރުން ހުއްޓާލާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.