ރެކޯޑު ޢަދަދެއްގެ މީހުންނަށް އޮސްޓުރޭލިޔާގައި ކޯވިޑް-19 ޖެހިއްޖެއެވެ.
ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓު ހަލުވިކަމާއެކު ފެތުރެމުންދާ އޮސްޓުރޭލިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1,323 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުގައި އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސުންކަމަށެވެ. އެ ސުޓޭޓުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.
ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސުޓޭޓުގައި 1,218 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. އޭގެ ކުރީ ދުވަހު އެ ސުޓޭޓުގައި ބަލިޖެހިފައިވަނީ 1,035 މީހުންނަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިގެން 6 މީހުން މަރުވެފައިވާކަމަށާއި ބަލިޖެހުނު 813 މީހުންނަށް ހަސްފަތާލުން ފަރުވާދެމުންދާކަމަށާއި އޭގެ ތެރެއިން 126 މީހުންނަށް ފަރުވާދެނީ އައިސީޔޫގައިކަމަށް ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ސަރުކާރުންވަނީ ބުނެފައެވެ.
ރެކޯޑު ޢަދަދެއްގެ މީހުންނަށް ނިޔު ސައުތު ވޭލްސުގައި ކޯވިޑް-19 ޖެހިފައިވަނީ ފާއިތުވި 9 ހަފުތާވަންދެން އެ ސުޓޭޓު ފުރަބަންދުކޮށްފައިވަނިކޮށެވެ. އެ ސުޓޭޓުގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ސެޕުޓެންބަރު މަހުގެ ނިޔަލަށް އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތަކަށް ލުއިތަކެއް ދެވޭނީ 16 އަހަރުން މަތީގެ އާބާދީގެ 70 އިންސައްތަ ވެކްސިން ޑޯސްތައް ފުރިހަމަކުރުމުންކަމަށެވެ.
އޮސްޓުރޭލިޔާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ވިކްޓޯރިޔާވަނީ 6ވަނަ ފަހަރަށް ފުރަބަންދުކޮށްފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސުޓޭޓުގައި 92 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ މި އަހަރުގެ ތެރޭގައި އެ ސުޓޭޓުގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ދުވަހެވެ.
ބަލިމަޑުކަމާ ދެކޮޅަށް ދުނިޔޭގައި އެންމެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވަނީ އޮސްޓުރޭލިޔާގައިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 50,100އެވެ. އަދި ބަލިޖެހިގެން މަރުވި މީހުންގެ ޢަދަދަކީ 999އެވެ.