ކުޅިވަރު

ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެއްލަނޑު އެއްލަނޑުންވީ އެއްވަރެވެ.

ލިވަޕޫލުން ވަރަށް ފޯރީގައި މެޗް ފަށައިގެން ކުރިއަށް ދިޔަ އިރު ޗެލްސިއިން ވެސް ވަނީ އެޓީމަށް ކުރިމަތިވަމުންދިޔަ ޕްރެޝަރަށް ފުރިހަމައަށް ކުރިމަތިލަމުންނެވެ. އަދި ޗެލްސީއިން ހަމަޖެހިގެން ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ 29 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން އެޓީމް ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. އަދި މާގިނައިރު ތަކެއް ނުވެ ޗެލްސީގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް މޭސަން މައުންޓަށްވެސް ލިބުނެވެ. ނަމަވެސް އޭނާއަށް އެފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗްގައި ދެން ފެނިގެންދިޔައީ މެޗްގެ އޮއެވަރު ލިވަޕޫލްކޮޅަށް ބަދަލުވެގެންދިޔަ ތަނެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިވަޕޫލަށް ލިބުނު ފުރުސަތެއްގައި އެޓީމުގެ ޖޮއެލް މަޓިޕް ބޮލުން ޖެހި ބޯޅަ ޗެލްސީގެ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ސާޑިއޯ މާނޭ ގޯލަށް ފޮނުވާލި ބޯޅަ ގޯލް ރޮނގުމަތީ ހުރި ޗެލްސީގެ ރީސް ޖޭމްސް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ގައިގައި ޖެހި ގޯލަށް ވައްނަންދިޔަ ބޯޅަ އޭނާ އަތުގައި ޖެހިފައި ނިކުތީ ބޭރަށެވެ. ހާދިސާ ހިނގި ވަގުތު ރެފްރީ އެކަން ދޫކޮށްލި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ދިން ލަފަޔާއި ރެފްރީވެސް އަމިއްލައަށް ބެލުމަށްފަހު ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ. އަދި ޖޭމްސްއަށް ރަތް ކާޑުވެސް ދެއްކިއެވެ. މިކަމާއި ގުޅިގެން ޗެލްސީގެ ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަ ޖެއްސި ނަމަވެސް ރެފްރީގެ ނިންމުމަކަށް ބަދަލެއް ނައެވެ. މިގޮތުން ލިވަޕޫލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މުހަންމަދު ސަލާއެވެ.

މިމެޗްގެ ދެވަނަ ހާފްގައި ލިވަޕޫލުންވަނީ ގިނަ ހަމަލާތަކެއް އުފައްދާ ޗެލްސީގެ ގޯލަށް ވަރަށް ނުރައްކާކޮށްފައެވެ. ނަމަވެސް ޗެލްސީގެ ޑިފެންސް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. އަދި ލިވަޕޫލުން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.

މިމެޗް އެއްވަރު ވުމުން ލިވަޕޫލްގެ ކޯޗް ހިތްހަމަ ނުޖެހޭނެއިރު މިއީ ޗެލްސީއަށް ލިބިގެންދިޔަ މުހިންމު ޕޮއިންޓެކެވެ. މިމެޗް އެއްވަރު ވުމުން ލިވަޕޫލާއި ޗެލްސީއަށް ވެސް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.