ޚަބަރު

ޢިރާޤުގެ ޢާންމު އިންތިޚާބުގައި ޞަދުރު ވާދަކުރައްވަނީ


އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ޢިރާޤުގައި ބާއްވައި ޢާންމު އިންތިޚާބުގައި ވާދަކުރައްވަން އެ ޤައުމުގެ ނުފޫޒުފަދަ ޝީއީ އިސްވެރިޔާ މުޤްތަދާ އައްޞަދުރު ނިންމަވައިފިއެވެ.

ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޮންނަނީ ޞަދުރުވެސް ހިމެނިވަޑައިގަންނަވައި އިއްތިޙާދަކަށެވެ. 2019ވަނަ އަހަރުގެ ތެރޭގައި ޢިރާޤުގެ އެތައް ސަތޭކަހާސް ޢާންމުން ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގެ ބޮޑުވަޒީރު މުސްޠަފާ އަލްކާޟިމީވަނީ ޢާންމު އިންތިޚާބެއް ބާއްވަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު ޞަދުރު ނިންމެވީ އިންތިޚާބުގައި ވާދަނުކުރެއްވުމަށެވެ.

ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ޞަދުރު ވިދާޅުވީ އޭނާގެ ނިންމެވުން ބަދަލުކުރެއްވީ ގިނަ ޢަދަދެއްގެ ސިޔާސީ އިސްވެރިންގެ އެދުމުގެ މަތިންކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ޞަދުރު ވިދާޅެއް ނުވެއެވެ. ޞަދުރު ވިދާޅުވީ ޢިރާޤުގައި ފެތިރިފައިވާ ޚިޔާނާތާއި ފަސާދައާ ދެކޮޅަށް ޢާންމުން ނުކުމެ ވޯޓުލާން އެނާ އެދިވަޑައިގަންނަވާކަމަށެވެ. އަދި އޭނާއާއި އޭނާގެ ތާޢީދު އޮންނަ ކެންޑިޑޭޓުންނަށް ދޭން ނިންމައި ވޯޓަކީ ބޭރުގެ ނުފޫޒުން ޢިރާޤު ސަލާމަތްކޮށް ޚިޔާނާތާ ދެކޮޅަށް ދެވޭ ވޯޓެއްކަމަށްވެސް ޞަދުރު ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރިއްޔާ ޢިރާޤުގައި ޙަރަކާތްތެރިވުމާ ދެކޮޅަށް ޞަދުރު އަބަދުވެސް އަޑުއުފުއްލަވައެވެ. ޢިރާޤުގެ ޝިއީންގެ މެދުގައި މަޤްބޫލުކަން ބޮޑު ޞަދުރަކީ އަވަށްޓެރި އީރާނުގެ ނުފޫޒާ ދެކޮޅަށް ވަކާލާތުކުރައްވައި ބޭފުޅެކެވެ.