ޚަބަރު

އަންގާރަ ދުވަހާ ހަމަޔަށް މޫސުން ގޯސް!


އަންނަ އަންގާރަ ދުވަހާ ހަމަޔަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް ލަފާކުރެވޭކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރުގެ ރަށްތަކާއި މެދު ރާއްޖެތެރޭގެ ރަށްތަކަށްވެސް މޫސުން ގޯސްވާނެކަމަށް މެޓްއޮފީހުން ލަފާކުރެއެވެ.

ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދަޅުވެއެވެ. ހުޅަނގުދެކުނާއި ހުޅާނގުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށެވެ. އަދި ރާޅުތަކުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާކެމަށް ލަފާކުރެއެވެ.

މެޓް އޮފީހުން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިންވާރޭ ވެހިފައިވަނީ އއ.ތޮއްޑުއަށް ކަމަށެވެ. އެރަށަށް 53 މިލިމީޓަރުގެ ވާރޭވެހުނެވެ. އަދި 39 މޭލު ބާރުމިނުގައި ވައިޖެހުނުކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ދެން އެންމެ ބާާރަށް ވައި ޖެހިފައިވަނީ ބ.ދަރަވަންދުއަށެވެ. އެރަށަށް 37 މޭލު ބާރުމިނުގައި ވައި ޖެހުނެވެ. އަދި ނ.މާފަރަށް 35 މޭލު ބާރުމިނުގައި ވައިޖެހުނުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.