ޚަބަރު

"ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ" ފާހަގަކުރަން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް


މިއހަރުގެ ބައިނަލްއަޤްވާމީ "ޕޭޝަންޓް ސޭފްޓީ ޑޭ" ނުވަތަ ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޢާއްމުން ހޭލުންތެރިކުރުމަށް ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް އައިޖީއެމްއެޗުން ނިންމައިފިއެވެ.

ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހުގެ 17ވަނަ ދުވަހުގައެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ މި ދުވަހާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން އަނަނަކަމަށެވެ. އެގޮތުން މިއަހަރުވެސް ޢާންމުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އެއްތަނަކަށް ގިނަމީހުން އެއްކޮށްގެން މި ޙަރަކާތްތައް ނުހިންގޭނެތީ، މި ސެޝަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މީޑިއާ މެދުވެރިކޮށެވެ.

ވަކި ޚާއްސަ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ނިންމާފައިވަނީ 2019ވަނަ އަހަރުއެވެ. މިފަދަ ދުވަހެއް ރަސްމީކޮށް ފާހަގަކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނިންމާފައިވަނީ، ބަލިމީހާ ފަރުވާ ހޯދާ މާޙައުލަކީ ދުޅަހެޔޮ މާޙައުލަކަށް ހެދުމާއި އަދި ދެވޭ ފަރުވާއަކީ ރައްކާތެރި އެކަށީގެންވާ ފަރުވާއަކަށް ހެދުމެވެ.