ޚަބަރު

"ހިޔާ ފްލެޓް އެއްބަސްވުން ހެދުމަށް 100އަށްވުރެ ގިނަ މީހުން އަދިވެސް މަޢުލޫމާތު ނުދޭ"


ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ މަޢުލޫމާތު ހުށަހަޅާފައިނުވާ 100އަށް ވުރެ ގިނަ މީހުން އަދިވެސް އެބަތިބިކަމަށް ހައުސިން ޑިިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން ވިދާޅުވީ މި މަޢުލޫމާތުތައް ހުށައަޅާފައިނުވާ މީހުންނަކީ "ހިޔާ 7000 ޕޯޓަލްގައި" ރަޖިސްޓަރވެސް ކޮށްފައިނުވާ މީހުންކަމަށެވެ.

ހިޔާ ފްލެޓް ޓަވަރުތަކުގެ ފެނުގެ މަސައްކަތްތަކެއް ކުރުމަށް، މިއަދުގެ އެކި ވަގުތުތަކުގައި އެތަނުން ފެނުގެ ޚިދުމަތް މެދުކަނޑާލާނެކަން އެންގުމަށް އެޗްޑީސީން ކުރި އިޢުލާނެއްގައި ވިދާޅުވީ އެއްބަސްވުން ހެދުމަށް ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނާއި އެއްވެސް ގޮތަކަށް މައުލޫމާތު ފޯމު ހުށަނާޅާ 107 މީހަކު އަދިވެސް އެބަތިބި ކަމަށެވެ. މައުލޫމާތު ފޯމު ހުށަނާޅާ 100އަށްވުރެ ގިނަބަޔަކު ތިބިއިރު އޭގެ ތެރޭގައި ޕޯޓަލްގައި އެކައުންޓް ރަޖިސްޓަރީ ކުރުމަށް ފަހު މައުލޫމާތު ފޯމު ހުށަނާޅާ މީހުން ވެސް ހިމެނެއެވެ.


ޓަވަރުތަކުގެ ފެނުގެ މަސައްކަތެއް މިއަދު ކުރިއަށް ދާތީ، ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮކުރުން ވެސް މިއަދު ނޯންނާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ،. އެ ކޯޕަރޭޝަނުން ވިދާޅުވީ މިއަދު އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކޮށްފައި ވަނީ ފްލެޓް އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ މީހުން ކަމަށެވެ. ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މިހާރު ކުރިއަށް ދަނީ އެކި ސަބަބުތަކާ ހުރެ ކުރިން އެ އެއްބަސްވުންތަކުގައި ސޮއިނުކުރެވި ތިބި މީހުންނާއެކުގައެވެ. އެޗްޑީސީން ވިދާޅުވީ ތަފާތު ސަބަބުތަކާ ހެދި ފޯމު ހުށަނޭޅި ތިބި މީހުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން ހުރަވީ ސްކޫލްގެ ހޯލުގައި ފޯމު ފުރުމުގައި އެހީތެރިވެދިނުމާއި ފޯމު ބަލައިގަތުމުގެ އިންތިޒާމު މިއަދު ހަޖައްސާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންނާއެކު އެއްބަސްވުން އެކުލަވާލާ ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާއިރު ފިނިޝިންގެ މަސައްކަތްތައްވެސް މިވަގުތު އަންނަނީ ކުރަމުންނެވެ. އެއްބަސްވުންތައް އެކުލަވާލަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ. އެޗްޑީސީން ވިދާޅުވެފައިވަނީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އަންނަ ސެޕްޓޭމްބަރުމަހުގެ އެކަކުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭނެކަމަށެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއި ނުކޮށް އޮތް ނަމަ ފިނިޝިން މަސައްކަތަށް ކުއްޔާ ނުލައި އިތުރު މުއްދަތެއް ނުދެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ހިޔާ ފެލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ.