ވިޔަފާރި

"އަންނަ ސީޒަންގައި ކީކިމިނިން މަސް ގަންނަން ފަށާނެ"


ކުރިއަށްއޮތް މަސްވެރިކަމުގެ ސީޒަންގައި ކީކިމިނިން މަސް ގަންނަން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ށ.ކީކިމިންޏަކީ އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސް ގަތުުމުގެ ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. އެތަން އޮޕަރޭޓްވެސް ކުރާނީ އެކުންފުނިންނެވެ.

ޕީީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޙަސަން ރަޝީދު ވިދާޅުވީ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެމަސައްކަތްކުރާ އަމިއްލަ ކުންފުނިތަކާއިވެސް މަޝްވަރާކޮށް، ދަތިތަށް ދަނެގަނެ ޙައްލު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

އެގޮތުން ފިޝަރީޒް މިނިސްޓަރ ދާދި ފަހުން ކީކިމިންޏަށް ޒިޔާރަތް ކުރައްވާފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކީކިމިނީގެ އޮޕަރޭޝަންތަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިނިސްޓަރވެސް ވަރަށް ފަހުންވަނީ ކީކިމިންޏަށް ވަޑައިގެން، ބައްލަވާފައި. އެތަނުގައި އަދިވެސް ނުފެށޭ، އެހެން ނަމަވެސް އެބޭފުޅުން ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތީ، ކުރިއަށް އޮތް ސީސަން ތެރޭގައި އެބޭފުޅުންވެސް ގަންނަން ފަށާނެކަމަށް ލަފާކުރެވެނީ. އެއީ މަސްގަތުމަށް ވަރަށް ބޮޑަށް އެތަން ތައްޔާރުވެފައި އޮތީމަ." ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވިއެވެ.

ކީކިމިނީގެ އިތުރުން ތ.ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންގެންދާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެފެސިލިޓީ ބޭނުން ކުރެވޭނެ ގޮތެއް ބެލުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ފުނައްޑޫއަކީ ދޭތެރެއަކުން މަސައްކަތް ފަށާ ކޮންމެ ބަޔަކުވެސް ހުއްޓާލާ ތަނެއް. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ދާއިމީކޮށް އެމަސައްކަތް ކުރެވޭނެ ބަޔަކާއި ހަވާލުކުރަން. އަންނަ އަހަރުތެރޭ އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ބެލެވެނީ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ވަންދޫ މަސްވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.