ވިޔަފާރި

އެމިރޭޓްސްއިން ރާއްޖެއާއި ލަންކާ އާ ދެމެދު އަލުން ދަތުރުތަށް ފަށަނީ


އެމިރޭޓްސް އެއަރލައިނުން ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ބާއްވަމުން އައި ދަތުރުތަށް އަލުން ފެށުމަށް ނިންމައިފިއެވެ.

އެމިރޭޓްސް އެއަރލައިނުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ- ކޮލޮމްބޯ ދަތުރުތަށް ފެށުމަށް ނިންމާފައިވާ ކަމަށާއި، ރާއްޖެއަށް ބާއްވާ ދަތުރުތަށްވެސް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އޮކްޓޯބަރުމަހުގެ 15ވަނަ ދުވަހުން ފެށިގެން ދުބާއީއިން ރާއްޖެއަށް ދުވާލަކު 4 ދަތުރު އެމިރޭޓްސް އެއަލައިނުން ކުރާނެއެވެ.

ކޯވިޑްގެ ކުރިންވެސް އެމިރޭޓްސް އެއަރލައިނުން އައީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތަށް ބާއްވަމުންނެވެ.

އެމިރޭޓްސް އެއަރލައިންއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ދަތުރުތައް ބާއްވާ އެއަރލައިންއެވެ. އަދި މިއާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީވެސް އެމިރޭޓްސްގެ ފްލައިޓްތަކުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިމަހުގެ 25ވަނަ ދުވަހާ ހަމައަށް އެމިރޭޓްސްގެ ފްލައިޓްތަކުގައި ރާއްޖެއަށްވަނީ 145158 މީހުން އައިސްފައެވެ.

ފަަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން އިތުރުވަމުންދާއިރު ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބައިނަލްއަޤްވާމީ 33 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރަމުންނެވެ. މީގެތެރޭގައި ޝެޑިއުލް ދަތުރުތައް ބާއްވާ އެއަރލައިންތަކާއި، ޗާޓަރ ދަތުރުތައް ބާއްވާ އެއަރލައިންތައްވެސް ހިމެނެއެވެ.