ވިޔަފާރި

ޖޫންމަހު 25 މިލިއަން ރުފިޔާ، ގްރީން ފަންޑުން އެކި މަޝްރޫއުތަކަށް ޚަރަދުކުރި


ޖޫންމަހު ގްރީން ފަންޑުން 25 މިލިއަން ރުފިޔާ ތަރައްޤީގެ އެކިއެކި މަޝްރޫއުތަކަށް ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޢާއްމުކުރައްވާފައިވާ ގްރީންގެ ފަންޑުގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ގްރީން ފަންޑުން ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކާއި ކުނި މެނޭޖްކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ވަނީ ޚަރަދުކޮށްފައެވެ. މުޅި ޖުމްލަ 29 މަޝްރޫއަކަށް ގްރީން ފަންޑުން ޖޫންމަހު ވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން ޖޫންމަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރ.ވަންދޫ ބަނދަރު ހެދުމުގެ މަޝްރޫއަށެވެ. މި މަޝްރޫއަށް 2.5 މިލިއަން ވަނީ ޚަރަދުކޮށްފައެވެ. 2 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފ.ނިލަންދޫ ވޯޓަރ ސަޕްލައި މަޝްރޫއަށެވެ. އެއީ 2.2 މިލިއަން ރުފިޔާއެވެ.

ޖޫންމަހު ގްރީން ފަންޑަށް 59 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މީގެތެރޭގައި ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތަކުން ލިބުނު ޢަދަދުތައް ހިމެނެއެވެ. ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ޖޫންމަހު ލިބިފައިވަނީ ކ.އަތޮޅުންނެވެ. އެއީ 21 މިލިއަން ރުފިޔާއެވެ. 2ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އދ.އަތޮޅުންނެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.