ޚަބަރު

ހުރާ އަންހެނުންގެ ކޮމެޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމުން އިންތިޚާބު ބާއްވަނީ


ކ.ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީއަށް އިންތިޚާބުވި މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަޤާމަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓަކައި އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.

ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ މެންބަރުކަމަށް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިމަހުގެ 29ވަނަ ދުވަހުން ފެށިގެން، ސެޕްޓެންބަރު 13ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހުރާ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދިނުމުން އިންތިޚާބު ބާއްވާއިރު، އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު އިތުރު 4 ރަށެއްގައި އިންތިޚާބު ބޭއްވުމަށްވެސް ވަނީ އިއުލާން ކޮށްފައެވެ. އެދުވަހުގެ އަންހެނުންގެ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ.ނޭކުރެންދޫއާއި، ރ.މަޑުއްވަރީ، ނ.ކެނދިކުޅުދޫ އާއި ނ.މަގޫދޫގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުގުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުހީބެއް ނުުލިބުމުން އަނެއްކާވެސް ހުޅުވާލަން ޖެހުމަކީ ފަސޭހަ ކަމެއްނޫންކަމަށެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ގޮންޖެހުން ބޮޑު ކަމެއްކަމަށް ހަބީބް ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް ބޮޑު ކުރުމަށް ނިންމާފައެވެ.