ޚަބަރު

އެމެރިކާގެ 13 ސިފައިން މަރުވުމުން ބަދަލުހިފާނެކަމުގެ އިންޒާރު ދީފި


އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކައިރީގައި ދިން ބާރުގަދަ ބޮމުގެ ޙަމަލާތަކުގެ ބަދަލުހިފާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ހުންނަވައި ވަރަށް އަސަރާއެކު ވާހަކަދައްކަވަމުން އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެ ޙަމަލާތައް ދިން މީހުންނަށް މަޢާފުކުރެއްވެން ނެތްކަމަށާއި އެ ޙަމަލާތައް ދިން މީހުން ހަނދާންނައްތާނުލައްވާނެކަމަށެވެ. އަދި އެމެރިކާއިން އެ ޙަމަލާތަކުގެ ބަދަލުހިފާނެކަމަށާއި އެފަދަ ޙަމަލާތަކުގެ ސަބަބުން އެމެރިކާގެ މަސައްކަތްތަކަކަށް ހުއްޓުމެއް ނާންނާނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އޭނާވަނީ އަފްޣާނިސްތާނުން ސަލާމަތްތެރިކަމާއެކު ދާން ބޭނުންވާ މީހުން ޤައުމުން ބޭރަށް ގެންދިޔުމުގެ މަސައްކަތް އޮގަސްޓު 31ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެކަމަށް ވިދާޅުވެފައެވެ. އޮގަސްޓު 31ވަނަ ދުވަހަކީ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބަން ނިންމާފައިވާ އެންމެ ފަހު ތާރީޚެވެ.

ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންނެއް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައިވަނިކޮށް ދިން ބޮމުގެ ޙަމަލާތަކުގައި 85 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ސިފައިންގެ 13 މީހުންވެސް ހިމެނެއެވެ. އެއީ 2011ވަނަ އަހަރުގެ ފަހުން އެއް ދުވަހެއްގެ މަތިން އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން އެންމެ ގިނަ ޢަދަދަކަށް މަރުވި ދުވަހެވެ. އެ ޙަމަލާތަކުގައި އިތުރު 240 މީހުންވަނީ ޒަޚަމުވެފައެވެ. ޠާލިބާނުން ބުނެފައިވާ ގޮތުގައި އެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ 28 މެންބަރުން މަރުވެފައިވާކަމަށެވެ.

ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކައިރީގައި ދިން ބާރުގަދަ ބޮމުގެ ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުންނެވެ. އެއީ ޠާލިބާނުންނާއި ހުޅަނގުގެ އަސްކަރީ ބާރުތަކާ ދެކޮޅަށް ޙަރަކާތްތެރިވާ ޖަމާޢަތެކެވެ. އެ ގޮތުން ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކާ ދެކޮޅަށްވެސް އެ ޖަމާޢަތުންވަނީ ޙަމަލާތަކެއް މީގެ ކުރިން ދީފައެވެ. ބޮމުގެ ޙަމަލާތަކުގެ ޒިންމާ އުފުލަމުން އައިއެސުން ބުނެފައިވަނީ އެ ޖަމާޢަތުން ޙަމަލާތައް އަމާޒުކޮށްފައިވަނީ އަފްޣާނިސްތާނަށް ޚިޔާނާތްތެރިވުމަށްފަހު ޤައުމު ދޫކޮށްދާން މަސައްކަތްކުރާ މީހުންނަށްކަމަށެވެ.

އައިއެސުން އެ ޙަމަލާތައް ދީފައިވަނީ އެ ޖަމާޢަތުން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ނުރައްކާތެރި ޙަމަލާއެއް ދޭން މަސައްކަތްކުރާކަމުގެ ޞައްޙަ މަޢުލޫމާތު ލިބިފައިވާކަމުގެ އިންޒާރު އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ދީފައިވަނިކޮށެވެ. އަދި އެ ޙަމަލާތައް ދީފައިވަނީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޢާންމުން ޖަމާނުވުމަށް ޠާލިބާނުންނާއި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ ބާރުތަކުން އިލްތިމާޞްކޮށްފައިވަނިކޮށެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައެވެ. އަދި ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގައި 100،000އެއްހާ މީހުންވަނީ އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ.