ޚަބަރު

ގޯތިތެރޭގައި ހުރި ގަހުގެ ސަބަބުން މެދުޒިޔާރަތަށް ބޮޑެތި ގެއްލުންތައް


މާލޭ މެދު ޒިޔާތް އިމާރާތުގެ ގޯތިތެރޭގައި ހުރި ބޮޑު ގަހުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެ ގަސް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއިން ވިދާޅުވެއްޖެއެވެ. މެދު ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓްރީއާއި ސްޓެލްކޯ ގުޅިގެން ދަނީ ކުރަމުންނެވެ.

މެދު ޒިޔާރަތުގެ އާބާތުރަފިލުވާ، އެތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެދަށުންނެވެ. މިމަސައްކަތް ރަސްމީކޮށް ފެށީ މިއަހަރުގެ އޭޕްރީލްމަހުއެވެ. ކޯވިޑްގެ ޙާލަތާ ގުޅިގެން މަސައްކަތް މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން މަސައްކަތް ފެށީ މިމަހުއެވެ.

މެދު ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރޭގައި، އިމާރާތަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތާއި، ފާރުތަކާއި، އިމާރާތުގެ ބައިތައް ދޮވުމާއި ކުލަލުންފަދަ މަސައްކަތްތައް ހިމެނެއެވެ.

މެދުޒިރާތުގެ އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭ މަޢުލޫމާތު މީޑިއާތަކާ ޙިއްސާކުރަމުން ފަންނާއި ސަޤާފަތާއި ތަރިކައިގެ ވުޒާރާގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ނާޒިމް ވިދާޅުވީ، މެދު ޒިޔާރަތުގެ އާބާތުރަފިލުވާ މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާތާ 6ވަރަކަށް އަހަރު ވެދާނެކަމަށެވެ.

މިއާއި ގުޅިގެން އިމާރާތް ހަޑިވެ، އަދި އިމާރާތުގެ އެކި ބައިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ޒިޔާރަތުގެ ގޯތިތެރޭގައި ހުރި ބޮޑު ގަހުގެ ސަބަބުން އިމާރާތަށް ލިބެމުންދާ ގެއްލުންކަން ފާހަގަކޮށް، އެ ގަސް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ގަހުގެ މޫތަކުގެ ސަބަބުން ދިދަ ދަނޑީގެ ބުޑުވަނީ ފަޅައިގެންގޮސްފައި، އަދި ދިދަ ދަނޑި ދަނީ އަރިއަޅާލަމުން. 110އަހަރުވީ ފާރާއި، މި ބިނާ މިދަނީ ހަލާކުވަމުން. އެހެންވެ ކަމާއި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރަމުންދަނީ ގަސް އެތަނުން ނެގުމަށް." ނާޒިމް ވިދާޅުވިއެވެ.

މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ފާރުތަކުގެ އުވަކަހާ ސާފުކުރުމާއި، ދިދަ ދަނޑިތަކުގައި ދަވާދުލުމުގެ މަސައްކަތްތައް ހިމެނެއެވެ. މިނިސްޓްރީން ވިދާޅުވީ މެދު ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރާކަމަށެވެ.

މެދު ޒިޔާރަތަކީ ރާއްޖޭގައި ހުރި އާސާރީ ބިނާތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ބިނާއެކެވެ. މި ބިނާއަކީ ރާއްޖެއަށް އިސްލާމްދީން ގެނައުމަށް މަސައްކަތްކުރެއްވި އަބުއްރިކާބް ޔޫސުފް ފަސްދާނު ލެވިފައިވާ ތަނެވެ.

މިނިސްޓްރީންވަނީ އާސާރީ ބިނާތައް ހިމާޔަތްކުރުމަށް ކުންފުނިތަކުން އަމިއްލައަށް އިސްނަގައިގެން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފައެވެ.