ޚަބަރު

67 ވަނަ އަސާސީ ތަމްރީނު ކޯހުން 80 ސިފައިން ދަސްވެނިވެއްޖެ


ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި، 80 ސިފައިން ހުވައިކޮށް އެސިފައިންނާއި ބަޑި ހަވާލުކޮށްފިއެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޢާޒީ، އަލްއުސްތާޛް ޢަލީ ނަސީރެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އަދި މި ރަސްމިއްޔާތުގައި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރައްވާއިރު އަންގަވާ އެންގެވުންތައް އިއްވައިދެއްވީ، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ މުޙައްމަދު ނިލާމެވެ. ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށް ނިމުމުން އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސް ސިފައިންގެ ބޭންޑުން ވަނީ ޤައުމީ ސަލާމް ކުޅެފައެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިފައިންގެ ޚިދުމަތާއި އަލަށް ގުޅުނު ސިފައިންނާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ސިފައިންގެ މީހަކަށް ވުމާއެކު، މަސައްކަތް ކުރަންވީ، ޤައުމީ ބަޠަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދިނުމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާޢުކުރުމާއި، ޤާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ޤާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށްދިނުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ، އިސްކަންދެވޭ އެހެން ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިފައިންގެ މީހެއްގެ ނަން ލިބުމާއެކު، ގަދައަޅައި މަސައްކަތްކުރަންވީ، ސިފަވަންތަ އަޚްލާޤުގެ މަތީގައި ސާބިތުވެ ހުރުމަށް. ސިފަވަންތަ އަޚްލާޤުގެ އެންމެ މަތިވެރި ސިފައަކީ، ކޮށްފައިވާ ހުވައިގެ މަތީގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ދެމިހުރުން. ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި، އޯގާތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމުގެ ރޫޙަކީ މި ދެންނެވި އަޚްލާޤުގެ މައިގަނޑު އެއް އަސާސް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދެއްކެވި ވާހަކަގައި ރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ޤާބިލްކަން ދުވަހުން ދުވަހަށް އިތުރުކޮށް ސިފައިންނަކީ ހުނަރުވެރި ފަންނީ އަދި ބަދަލުވަމުން އަންނަނ މާހައުލުގެ ތެރޭގައި އަންނަ ގޮންޖެހުންތަކާއި ކުރިމަތިލާން ތައްޔާރަށް ތިބި ފައުޖަކަށް ހެދުމަށް ގިނަ މަސއްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. ސިފައިންގެ މީހަކަށް ވަނީ ދެވޭ މުހިންމު ތަމްރީންތަކުގެ ސަބަބުންކަމަށާއި، ކޯވިޑްގެ ހާލަތުގައިވެސް ސިފައިންގެ ތަމްރީންތައް މެދުކަނޑާނުލައި ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދިޔަކަން ޝަމާލް ފާހަގަކުރެއްވިއެވެ. އަސްކަރިއްޔާގައި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް އަސްކަރީ ތަމްރީންތަކަކީ ވަރަށް މުހިންމު އެއްޗެއްކަން ފާހަގަކުރައްވާ ޝަމާލް ވަނީ، އަސްކަރީ އަޚްލާގާއި އޭގެ އެންމެ މަތީ ފެންވަރުގައި ހުނަރުވެރިކަން އަދި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް، އަލަށް ސިފައިންގެ ޚިދުމަތާއި ގުޅުނު ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ.

"ދުނިޔެއާއި ރާއްޖޭގެ ސަލާމަތީ ވެއްޓަށް އަހުލުވެރިވެ ޒަމާނީ އަސްކަރީ ފަލްސަފާތަކާއި އަސްކަރީ ހުނަރުވެރިކަމަށް ޤާބިލްބަޔަކާއި ތިޔަ ސިފައިން ގުޅިގެންދާއިރު އެންމެ ބޮޑު އިސްކަމަކަށް ހަދަންވާނީ އަސްކަރީ އަޚްލާގާއި އޭގެ އެންމެ މަތީ ފެންވަރުގައި ހުނަރުވެރިކަން އަދި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން. އިސްލާމީ ޞައްޙަ އަޤީދާގެ މަތީގައި ދެމިތިބެ ފުރިހަމަ ސިފަވަންތަ ބައެއްގެ ގޮތުގައި ސާބިތުވެ ތިބުން. އަމިއްލަ ނަފްސަށްވުރެ ޤައުމީ ޚިދުމަތް އިސްކުރުން. އަދި ދިވެހި ރައްޔިތުން ޚިޔާރުކޮށްފައިވާ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ ދިވެހި ރައްޔިތުން ހިމާޔަތްކުރުން. ދިވެހި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ދަމަހައްޓައި ޝާނާއި ޝައުކަތު ނެގެހެއްޓުން."މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، ހުވާކޮށްފައިވަނީ 80 ދަރިވަރުންނެވެ. މީގެ ތެރޭގައި ހަތް އަންހެން ސިފައިންނާއި 73 ފިރިހެން ސިފައިން ހިމެނެއެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.