ޚަބަރު

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް 7 ރަށެއް ދޫކުރި މައްސަލަ ޕީޖީއަށް


ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް އެމްއެމްޕީއާރްސީން 7 ރަށެއް ބަޔަކަށް ދޫކުރި މައްސަލައިގެ ތަޙްޤީގް ނިންމާ ދަޢުވާކޮށްދިނުމަށް އެދި  ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވައިފިއެވެ.މި މައްސަލައިގެ ތަޙްޤީގް ނިންމާ ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް  ފުލުހުން  ހުށައެޅުއްވި ނަމަވެސް އެ މައްސަލާގައި ދަޢުވާކުރައްވަނީ ކޮން ބަޔަކާއި ދެކޮޅަށް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދޫކޮށްފައިވަނީ ކޮން ރަށްތަކެއް ކަމެއްވެސް އަދި ނޭނގެއެވެ.ޕީޖީ އޮފީހުން ވިދާޅުވީ ފުލުހުން އެ އިދާރާއަށް ހުށައަޅުއްވާފައިވާ މައްސަލަ ދިރާސާކުރައްވަމުން ގެންދަވާކަމަށެވެ.އެމްއެމްޕީއާރްސީއާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލައެއްގައި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް ދަޢުވާކުރެއްވުމަށް ޕީޖީ އޮފީހުން އިއްޔެ ކޯޓަށް ހުށައަޅުއްވާފައިވެއެވެ.އެ މައްސަލާގައި އަދީބާއި ދެކޮޅަށް އުފުއްލަވާފައިވަނީ ރަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. އަދި ޒިޔަތާއި ދެކޮޅަށް ހުށައަޅުއްވާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ. މި ދެ ދަޢުވާއަކީ އާ ގާނޫނުލް އުގޫބާތުގެ ދަށުން ކޯޓަށް ހުށައެޅުނު ފުރަތަމަ މައްސަލަކަމަށް ޕީޖީ އޮފީހުން ހާމަކުރައްވައެވެ.