ޚަބަރު

ފަރަށް އަރާފައިވާ ބޯޓުގެ ކެޕްޓަން ވަނީ އިހުމާލުވެފައި!


މިމަހުގެ 19 ވަނަ ދުވަހު ކ.ރަސްފަރި ފަރަށް އެރި އާގު ބޯޓުގެ ކެޕްޓަން އިހުމާލުވެފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ކ.ރަސްފަރި ފަރަށް އެރި އާގު ބޯޓާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، ޓްރާންސްޕޯޓް އޮތޯރިޓީ، ކޯސްޓްގާޑު އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ގުޅިގެން ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ.

ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވީ 19 ވަނަ ދުވަހު މިބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނެއްގެ ހޫނުމިން މާބޮޑަށް މަތިވެގެން، އިންޖީނު ނިއްވާލުމުގެ ސަބަބުން ބޯޓު ބީހިގެންކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ރަސްފަރި ފަރު ސަލާމަތްކުރުމަށް ބޯޓުގެ ކެޕްޓަންގެ އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށެވެ. އަދި މިހާދިސާ ހިނގުމުން އަންގަންޖެހޭ ފަރާތްތަކަށް ކެޕްޓަން އަންގާފައިނުވާކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިބޯޓު ފަރަށް އެރުމުން އެކަމުގެ ރިޕޯޓް ލިބިފައިވަނީ ބޯޓުން ނޫންކަމަށާއި، އާއްމު ފަރާތަކުންކަމަށެވެ.

އެންވަޔަރަމަންޓުން ވިދާޅުވީ މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށާއި، އަދި ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ނުލިބެނީސް ބޯޓަށް ނުފުރޭނެކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ކޯސްޓްގާޑުން ވިދާޅުވީ ބޯޓު ފުންކުރުމަށް ގެންނަންޖެހޭ ޓަގު ބޯޓްތައް ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި އެމަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ކޯސްޓްގާޑުން ވިދާޅުވެއެވެ. ކޯސްޓްގާޑުން ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ބޯޓު ފުންކުރުމުގެ މަސައްކަތާއި، ބޯޓުން ކަނޑަށް ތެޔޮ އެޅުނަ ނުދޭން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

ކ.ރަސްފަރި ފަރަށް މިބޯޓު އަރާފައިވަނީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުންނާއެކު ދަތުރުކުރަމުންދަނިކޮށެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތާއި އަދި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.