ވިޔަފާރި

ޖަޕާނު ބޯޑަރު ހުޅުވާލުމުގެ ކުރިން އެ ޤައުމުގައި ވިޒިޓް މޯލްޑިވްސްގެ ކެމްޕެއިންތަކެއް


ޖަޕާނު ބޯޑަރު ފަތުރުވެރިނަށް ހުޅުވާލާ ފަތުރުވެރިކަން ފެށެންވާއިރަށް އެ ޤައުމުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކެމްޕެއިންތަކެއް ފަށައިފިއެވެ.

އެންމެ ފަހުން ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންގޮސްފައި ވަނީ ޖަޕާނުގެ "ޓަބި މޫސް" އާއި ގުޅިގެން އެ ޤައުމުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިނެކެވެ. މިއީ ޖަޕާނުގެ އެންމެ ކުރިއަރާފައިވާ ޓްރެވެލް ސޯސިއަލް މީޑިއާ ޕްލެޓްފޯމްއެވެ.

ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ޖަޕާނުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމެވެ. މި ކެމްޕެއިންގެ ތެރެއިން އެ ޤައުމުގެ ފަތުރުވެރިންނަށް ރާއްޖެއަކީ މި ހާލަތުގައިވެސް ދަތުރުކުރުން ރައްކާތެރި ޤައުމެއްކަން ބުނެދީފައިވާކަނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ސިނާއަތެއްގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތައް ހިމެނެއެވެ. އަދި ކޯވިޑް19 އާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ޖަޕާނުގެ ފަތުރުވެރިންނަށް ވަނީ ބުނެދީފައެވެ.

2019 ވަނަ އަހަރު ޖަޕާނު ހިމެނެނީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. 2019 ވަނަ އަހަރު ޖަޕާނުން ރާއްޖެއަށް 44،251 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ޖަޕާނުގެ ބޯޑަރުތައް މިވަގުތު ފަތުރުވެރިންނަށް ވަނީ ބަންދުކޮށްފައެވެ. މިއާއިއެކު މިއަހަރު ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޖަޕާނުގެ ބޯޑަރު ހުޅުވާލަންވާއިރަށް އެ ޤައުމުގެ ފަތުރުވެރިން ރާއްޖެ އަންނަ ހިތް ޖެއްސުމަށް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ގިނަ ކެމްޕެއިންތަކެއް ބާއްވަމުންނެވެ. އޭގެތެރޭގައި މީޑިއާ އަދި މަޝްހޫރު މީހުންނަށް ބާއްވާ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ސޯޝަލް މީޑިއާ ކެމްޕެއިންތައް ހިމެނެއެވެ.