ކުޅިވަރު

ކަރަބާއޮ ކަޕްގެ ތިންވަނަ ބުރުން އާސެނަލް ޖާގަހޯދައިފި


ކަރަބާއޮ ކަޕްގެ ތިންވަނަ ބުރުން އާސެނަލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ތިންވަނަ ބުރުން އާސެނަލް ޖާގަހޯދީ ދެވަނަ ބުރުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު 6 ލަނޑު ސުންލަނޑުންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާދިނީ އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އައުބަމެޔާންއެވެ. އަދި އޭނާވަނީ 45 ވަނަ މިނެޓާއި 62 ވަނަ މިނެޓްގައި އިތުރު ދެ ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މިމެޗްގައި މިގެއިތުރުން ނިކޮލަސް ޕެޕޭ ވަނީ އާސެނަލްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހައިދީފައެވެ. އަދި ބުކާޔޯ ސާކާ މެޗްގެ 50 ވަނަ މިނެޓްގައި އާސެނަލްގެ ފަސްވަނަ ލަނޑު ޖަހައިދިން އިރު ހަވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ އެލެގްޒެންޑަރ ލަކަޒެޓްއެވެ.

ޕްރިމިއަރ ލީގުގެ ފުރަތަމަ ދެމެޗުން ބަލިވެފައިވުމުން މިއީ އާސެނަލްއަށް ލިބިގެންދިޔަ މުހިންމު ކާމިޔާބީއެކެވެ.