ޚަބަރު

ކުޅިވަރުގެ ތެރެއިންވެސް ހުރިހާ އެންމެނަށް ފުރުޞަތު އޮންނަންޖެހޭ: ރައީސް


ކުޅިވަރުގެ ތެރެއިންވެސް ހުރިހާ އެންމެނަށް ފުރުޞަތު އޮންނަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޕެރަލިމްޕިކް ގޭމްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ޓީމު ދިވެހި ޤައުމީ ދިދައާއެކު ފެނިގެންދާ ވީޑިއޯ ކްލިޕަކާއެކު އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެހެން ދާއިރާތަކެކޭ އެއްފަދައިން ކުޅިވަރުގެ ދާއިރާއިންވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ޝާމިލުވާނެހެން ހުރިހާ އެންމެންނަށް ފުރުޞަތު ލިބެންޖެހޭނެކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޓީމެއް ބައިވެރިވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާ ޝަރަފަކާއި ފަޚުރެއްކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ޓްވީޓުގައި މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އެތުލީޓުންނާއި، ރާއްޖޭގެ ޑެލިގޭޝަންގެ މެންބަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ޖަޕާނުގައި މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 5 ވަނަ ދުވަހަށް ބާއްވާ ޕެރަލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ފުރުޞަތު ލިބިފައި ވަނީ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމަށެވެ. ގޭމްސްގައި މުޙައްމަދު މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ ދުވުމުގެ އިވެންޓްތަކުގެ ތެރެއިން 100 މީޓަރ ސްޕްރިންޓުގައެވެ.

ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދަވައި އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އައިލެންޑްސް ގޭމްސްގައި ފުރަތަމަ ޕެރާ އެތުލީޓެއްގެ ގޮތުން މުޙައްމަދު މާޒިން ބައިވެރިވެ ރާއްޖެއަށް ވަނީ ބްރޮންޒް މެޑަލް ހޯދައިދީފައެވެ. ސަރުކާރުން ގެންދަވަނީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ފުރުޞަތުތައް ތަނަވަސް ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.