ޚަބަރު

ޒުވާނުންނަށް ޚާއްސަ ދިރާސާއެއް ޔޫތު މިނިސްޓްރީން އެމް.އެން.ޔޫއާއި ގުޅިގެން ހަދަނީ


މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ މެދުވެރިކޮށް ކުރިޔަށްގެންދާ ފުރަތަމަ ދިރާސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ

ޔޫޔު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

މިފަދަ ދިރާސާއެއް ކުރުމުގެ މައިގަނޑު ބޭނުމަކީ ޒުވާނުން ކުށްތަކަށް އަރައިގަންނަ ސަބަބާއި، މިންވަރު އަދި އެކުށްތަކަށް ދިއުމަށް މަގުފަހިވާ ސަބަބުތައް ދެނެގަތުމާއި، ތަކުރާރުކޮށް ޒުވާނުން ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަތުން ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މި ދިރާސާއާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ، ޤާނޫނުގައި ތަކުރާރުކޮށް ކުށްކުރުމުން އަދަބު ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމާއި، ޒުވާން އަންހެން އަދި ފިރިހެނުން ވަޒީފާތަކަށް ނުނިކުންނަ ސަބަބުތައް ދެނެގަތުމަށް މި ދިރާސާގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެކަމަށެވެ.

"އެމީހުންގެ އެޓިޓިއުޑް އަދި ކަންކަމާ ދޭތެރޭ ދެކޭގޮތް މި ދިރާސާ މެދުވެރިކޮށް ދެނެގަތުމަށް ވަނީ ހަމަޖެހިފައި. ހަމައެހެންމެ، ވަޒީފާއަށް ނުގޮސް ތިބުމުގެ ސަބަބުން އުޅުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ޒުވާނުންގެ ދިރުއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ދެނެގަތުމުގެ އިތުރުން ޒުވާނުން ހުސްވަގުތު ހޭދަކުރާ ގޮތްވެސް ދެނެގަތުމަށް ވަނީ ހަމަޖެހިފައި" ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ، މި ދިރާސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މައުލޫމާތު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާލެ، ވިލިމާލެ، ހުޅުމާލެ، ހދ، ށ، ބ، ކ، އދ، މ، ދ، ލ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީން މައުލޫމާތު އެއްކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ދިރާސާ މެދުވެރިކޮށް، މި ކަންތައްތައް ހޯދައި ޒުވާނުންނަށް އެކަންތައްތައް ހައްލުކުރާނެ މަގުތައް ފަހިކޮށްދީ، މުޖުތަމައުގައި ކުށްކުރާ ޒުވާނުން މަދުކޮށް ދުޅަހެޔޮ ޒިންމާދާރު ޒުވާނުން ބިނާކުރުމަކީ އަމާޒެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ދިރާސާގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 3 ފިޔަވަށްސަކަށް ބަހާލައިގެން 6 މަސް ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ފޭސް 1 ގައި ހިމެނެނީ ޕްލޭން ނިންމުން ކަމަށްވާއިރު ފޭސް 2 ގައި ހިމެނެނީ ޑޭޓާ ހޯދުމެވެ. އަދި ފޭސް 3ގައި ރިޕޯޓް އެކުލަވާލާ ހުށަހަޅާނެއެވެ.